ޚަބަރު

އައިސީޔޫގައި 16 މީހުން، 7 މީހުން ވެންޓިލޭޓަރުގައި


ކޯވިޑް ބަލީގައި 16 މީހުންނަށް މިވަގުތު އައިސީޔޫގައި ފަރުވާދެމުން ދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. މީގެތެރެއިން 7 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

ކޯވިޑް-19ގައި އެންމެ ގިނަބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ 146 މީހުންގެ ތެރެއިން 82 މީހުންނަށް ފަރުވާދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. މީގެތެރޭގައި ވޯޑުގަ ފަރުވާ ހޯދާ 72 މީހުންނާއި، އައިސީޔޫގައި ފަރުވާ ހޯދާ 5 މީހުން ހިމެނެއެވެ. އައިސީޔޫގައި އޮތް 5 މީހުންގެ ތެރެއިން 2 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގަ އައިސީޔޫގައި 9 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 4 މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ. ޑީއެޗް 17ގެ ވޯޑުގައި 3 މީހުން، ޑީއެޗް 16ގައި 3 މީހުން، ހިޔަލަ ވިންގްގައި 2މީހުން އަދި ޕްރައިވެޓް ވޯޑްގަވެސް 2މީހުންނަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. ޖުމްލަ 19 މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ކޯވިޑް މެޑިކަލް ފެސިލިޓީގައި 17މީހުންނަށް އަދި އޭޑީކޭ ހޮސްޕިޓަލްގައި 5 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އޭޑީކޭގައިވެސް އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ. އެކި ފެސިލިޓީތަކުގެ އައިސީޔޫގަ ފަރުވާދޭ 16މީހުންގެ ތެރެއިން 7މީހުންނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ.

އަތޮޅުތަކުގައި ހުރި ފެސިލިޓީތަކަށް ބަލާއިރު ޖުމްލަ 17 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ ށ.ފުނަދޫ ފެސިލިޓީގަ 10މީހުން، އައްޑޫ ފެސިލިޓީގަ 3މީހުން، ގދ.ތިނަދޫ ފެސިލިޓީގައި 2މީހުން، އަދި ގއ.ވިލިނގިލީގައި އެކަކަށް، އޭދަފުށި ފެސިލިޓީގައި އެކަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިއިރު 323 މީހުންވަނީ ބައްޔަށް އަލަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގަ ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 163 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 143 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 8 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 69،536އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 1،663 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 53،392އަށް އަރާފައެވެ.