ޚަބަރު

ހޯރަފުށި އެއަރޕޯޓް މަރާމާތުކޮށްފި، އަންގާރަދުވަހު ދަތުރުތައް ފަށަނީ


މޫސުން ގޯސްވުމާއި އުދަ އެރުމުގެ ސަބަބުން ހޯރަފުށީ އެއަރޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިންމާ އަލުން ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ. އެއަރޕޯޓަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރީ އެއަރޕޯޓް ތަރައްޤީކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

މިިދިޔަ މަހު ރާއްޖެއަށް ކުރި ހުޅަނގު މޫސުމުގެ ވިއްސާރާގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން ހޯރަފުށީގެ އެއަރޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެރަށަށް ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓާލީ މޭމަހުގެ 14 ވަނަދުވަހުއެވެ. ގަދަ ވަޔާއިއެކު ޓަރމިނަލްގެ ވެއިޓިން އޭރިއާގެ ދޮރުތަށް ވެއްޓި އިމާރާތައް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އުދައެރުމުގެ ސަބަބުން ރާޅާއެކު ރަންވޭގެ ބޮޑުބަޔަކަށް ވަނީ ވެލި އަރާފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހޯރަފުއްޓާ އެއަރޕޯޓާ ގުޅޭ ހައިވޭއަށެވެ. ހިއްކައިގެން ހަދާފައިވާ ހައިވޭގެ ފަސްގަނޑު ދަމައިގަނެ، މަގުގެ އަރިމަތީގައި ޖަހާފައިވާ ލައިޓްތައްވެސްވަނީ ވެއްޓިފައެވެ.

ހޯރަފުށީ އެއަރޕޯޓަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ، ހިއްކި ބިމުގެ ބައެއް ސަރަޙައްދު ޙިމާޔަތްކުރުމަށް ތޮށިލާފައި ނެތުމުންނެވެ. ހޯރަފުއްޓަށޤ ވިއްސާރަކޮށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނީ މި މަސައްކަތް ކުރުމަށް ހަވާލުކޮށް އެ މަސައްކަތް ނުފެށި ވަނިކޮށްކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އެމްޓީސީސީން ބުނީ ލިބުނު ހުރިހާ ގެއްލުންތަކެއްގެ މަރާމާތުގެ މަސައްކަތްތައް މުޅިން ނިންމާ، ރީޖަނަލް އެއަރޕޯޓްސާއި ތަން ހަވާލުކޮށްފައިވާކަމަށެވެ. މަރާމާތުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދިޔައީ، ރީޖަނަލް އެއަރޕޯޓާއެކު 1 އަހަރުގެ މުއްދަތަށް ހަދާފައިވާ ވޮރަންޓީ ކޮންޓްރެކްޓްގެ ދަށުންނެވެ. މި މަސައްކަތުގެ ޚަރަދުތަށްވެސް ބަލަހައްޓާފައިވަނީ އެމްޓީސީސީން ނެވެ. އެ އެއަރޕޯޓް ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔައީ އެ ކުންފުނިންނެވެ.

އެއަރޕޯޓް މަރާމާތުކޮށް ހަވާލުކުރުމުގެ ކުރިންވަނީ އުދައިގެ ސަބަބުން ރަންވޭއަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ސަރވޭއެއްކޮށްފައެވެ. ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ ރަންވޭގައި އެއްވެސް ގެއްލުމެއް ނެތްކަން ސަރވޭއިން ޔަގީން ކޮށްފައިވާކަމަށެވެ. ރިޒްވީ ވިދާޅުވީ އަންނަ އަންގާރަ ދުވަހު އެއަރޕޯޓަށް އަލުން ދަތުރުތަށް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާކަމަށެވެ.

ހޯރަފުށީ އެއަރޕޯޓް ތަރައްޤީކޮށްފައިވަނީ އެރަށު ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި އެއަރޕޯޓް، ރަށާ ގުޅާލީ ކޯޒްވޭއަކުންނެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްފައިވާ އެ އެއަރޕޯޓްގެ ރަންވޭއަކީ 1200މީޓަރު ދިގު 35މީޓަރު ފުޅާ ރަންވޭއެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތެއް ނިންމާ އެމްޓީސީސީން އެއަރޕޯޓް ސަރުކާރާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 6ވަނަ ދުވަހުއެވެ. އެއަރޕޯޓަށް ޝެޑިއުލް ދަތުރުތަށް ފެށީ ނޮވެމްބަރު 26ގައެވެ.