ހުޅުމާލޭގައި އަލަށް ހަދާ ކޯވިޑް މެޑިކަލް ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފިއެވެ. މި މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންނެވެ. މިއީ ތިން ފަންގިފިލާގެ އިމާރާތެކެވެ.
ހުޅުމާލޭގައި އަލަށް ހަދާ މެޑިކަލް ފެސިލިޓީ ޤާއިމުކުރަމުން އަންނަނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި އިމާރާތުގައެވެ. އިމާރާތަށް ބައެއް ބަދަލު ގެނެސް ހަދާ މި ފެސިލިޓީގެ ހުރިހާ މަސައްކަތެއް ކުރަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ. މި ފެސިލިޓީ ހަދަނީ 3 ފަންގިފިލާއަށެވެ. އިމާރާތުގެ އެންމެ ތިރީ ބައިގެ %36 މަސައްކަތް މިހާރު ނިމިފަވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފުރަތަމަ ފަންގިފިލާގެ %20، ދެވަނަ ފަންގިފިލާގެ %45 އަދި ތިންވަނަ ފަންގިފިލާގެ %17 މަސައްކަތް މުޅިން ނިމިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.
މި ސެންޓަރުގެ މަސައްކަތް ފަށާފައިވަނީ މިމަހުއެވެ. އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ ވީހާވެސް އަވަހަށް ފެސިލިޓީގެ މަސައްކަތް ނިންމާ، ހަވާލުކުރުމަށްކަމަށެވެ. ފެސިލިޓީގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ރޭމްޕް ހެދުމާއި، ޓްރައޭޖް އޭރިއާގެ ފާހަނަ ހެދުމާއި، ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތަކެވެ.
Ongoing work by #teamHDC in converting Distribution Center into Covid medical facility
— My Hulhumalè (@MyHulhumalemv) June 4, 2021
Ground floor
-Patient ramp masonry & roof work
-Triage area toilet work
-Masonry & plastering work
Second floor
- Base work of 2 blocks
- Dashboard & electrical wiring for beds in 8 wards pic.twitter.com/QIKM2Xd3Hb
ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވެސް ބައިވެރިވެޑައިގެންނެވިއެވެ. މި ޒިޔާރަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގް ޑައިރެކްޓަރ ސުޙައިލް އަޙުމަދުއާ ފެސިލިޓީގެ މަސައްކަތް ކުރިއަށްގެންދާ މުވައްޒަފުންނާ ބައްދަލުކުރައްވާ މަސައްކަތުގެ މަޢުލޫމާތު އޮޅުންފިލުންވާފައެވެ.
ކޯވިޑަށް ފަރުވާދޭ އިތުރު ފެސިލިޓީތަކުގެ މަސައްކަތް ފަށާފައިވަނީ، ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން އިތުރުވުމުންނެވެ. މިއާއެކު ހުޅުމާލޭގަ މިހާރު ބޭނުންކުރަމުން އަންނަ މެޑިކަލް ފެސިލިޓީއާ، އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި ކޯވިޑް ފެސިލިޓީތަކަށްވެސްވަނީ ބާރުބޮޑުވެފައެވެ.
ކޯވިޑަށް ފަރުވާދިނުމަށް ފުރަތަމަ ފެސިލިޓީއެއް ހެދީ ފަރުކޮޅުފުށީގައެވެ. ނަމަވެސް މިދިޔަ އަހަރު ޖޫންގައިވަނީ ހުޅުމާލޭގަ "ކޮވިޑް މެޑިކަލް ފެސިލިޓީ" ހަދާ، އެތަނުގައި ކޯވިޑާ ގުޅުންހުރި ފަރުވާދޭން ފަށާފައެވެ. މި ފެސިލިޓީގެ ޚިދުމަތްފެށީ 290 އެނދާއެކުއެވެ. ނަމަވެސް ފަހުންވަނީ އެނދުގެ އަދަދު އިތުރުކޮށްފައެވެ. އަދި މިދިޔަ މަހު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ބައެއްވެސް ކޯވިޑްގެ ބަލިމީހުންނަށް ފަރުވާދޭ ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. މިއީ 120 އެނދުގެ ފެސިލިޓީއެކެވެ.