ޚަބަރު

މިއަދުވެސް އަދަދު ދަށަށް، ޕޮޒިޓިވްވީ 323 މީހުން

ރާއްޖެއިން އިތުރު 323 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 69536 އަށް އަރާފައެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 323 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 163 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 143 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 8 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 69536 އަރާފައެވެ.

މިދިޔަ މަސް ނިމުނުއިރު ކޯވިޑް ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ހުރީ 24000ގައެވެ. ނަމަވެސް މި އަދަދު މިހާރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިވަގުތު ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދާ މީހުންގެ އަދަދަކީ 14281 މީހުންނެވެ.

ރާއްޖޭގައި މި ބަލީގަ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެނީ 115 މީހުންނަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1663 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 55055 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޯވިޑް-19އަށް 3819 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 191 މީހަކު ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 174 ދިވެހިންނާއި 17 ބިދޭސީންނެވެ.