ވިޔަފާރި

މިރާއިން ބަލައިގަތް އާމްދަނީ އަންދާޒާއަށްވުރެ އިތުރު

މިދިޔަމަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ މީރާއަށް ލިބުނު އާމްދަނީ އަންދާޒާކުރި އަދަދަށްވުރެ %16.7 އިތުރުވެއްޖެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެ އިދާރާއަށް މޭމަހު ލިބުނު ޖުމްލަ އާމްދަނީއަކީ 183.88 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އާޅާބަލާއިރު %283.6 އިތުރު އަދަދެކެވެ. އަދި މިއީ މިއަހަރުގެ މޭމަހު ލިބޭނެކަމަށް އެ އިދާރާއިން އަންދާޒާކުރި އާމްދަނީ %16.7 އިތުރު އަދަދެކެވެ.

މިދިޔަމަހު މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 496.19 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުގެ ގޮތުގައެވެ. އެއީ 52.68 މިލިއަން ރުފިޔާއެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ މޭމަހު 33.44 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 32.74 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ވަރކް ޕާމިޓް ފީގެ ގޮތުގައި 29.32 މިލިއަން ރުފިޔާ، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 139.51 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މޭމަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މީރާއިން ބުނީ 2020 ވަނަ އަހަރުގެ މޭމަހާއި އަޅާބަލާއިރު މިއަހަރުގެ މޭމަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ 2020 ވަނަ އަހަރާއި އަޅާބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުންނެވެ.

2020 ވަނަ އަހަރުގެ މޭމަހާއި އަޅަބަލާއިރު މިއަހަރުގެ މޭމަހު ގިނަ ޓެކުހަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އޭގެތެރޭގައި އިންކަމް ޓެކްސް، ޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖު، އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ހިމެނެއެވެ.