ވިޔަފާރި

ވިސާ ކާޑުން ހިންގާ ޓްރާންސެކްޝަންތައް ދިވެހި ރުފިޔާއިން ސެޓްލްކުރަން ފަށާ ތާރީހު ފަސްކޮށްފި


ވިސާ ކާޑު މެދުވެރިކޮށް ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް ދިވެހި ރުފިޔާއިން ސެޓްލް ކުރަން ފަށަން ނިންމާފައިވާ މުއްދަތު މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ފަސްކޮށްފިއެވެ.

އެމްއެމްއޭއިން ކުރިން ކަނޑައަޅާފައިވާ ގޮތުންނަމަ މިބަދަލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލްމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެމްއެމްއޭއިން ބުނީ މިހާރު މިބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓްމަހުގެ 15 ވަނަ ދުވަހުން ފެށިގެންކަމަށެވެ.

ވިސާއިން ދިވެހިރާއްޖޭގައި 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ގެ ހިދުމަތް ތައާރަފްކުރުމާއި ގުޅިގެން، ރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުން ކުރުމަށް އެމްއެމްއޭއިން ވަނީ އަންގާފައެވެ.

މި އެންގުން ތަންފީޒުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކާޑު ޕޭމަންޓް އެކުއަޔަރ ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކަށް ދަތުރުކޮށްގެން ކުރަންޖެހޭ މަސައްކަތްތަކެއް ހިމެނޭކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ބަދަލަށް އަމަލުކުރުން ފަސްކުރީ ދިވެހިރާއްޖޭގައި ކޮވިޑް 19-ގެ ހާލަތު އިތުރަށް ގޯސްވެ، ރައްކާތެރިކަމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައި އެފަދަ މަސައްކަތްތަކެއް ކުރުމުގައި ހިދުމަތްދޭ ފަރާތްތަކަށް ގޮންޖެހުންތަކެއް ހުންނާނެތީކަމަށް ވަނީ ބުނެފައެވެ.

"ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް"ގެ ޚިދުމަތް ދިވެހިރާއްޖޭގައި އަދި ތައާރަފް ކޮށްފައިވަނީ ވިސާ އިން ކަމުން، މިނިންމުން މިވަގުތު ހިނގާނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަންޏެވެ.