ޚަބަރު

ހިޔާ ފްލެޓުތަކުގެ ގޭސް ހޮޅީގެ ނެޓްވޯކް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކައްކާ ގޭސް ފޯރުކޮށްދިނުމަށް އަޅާ ގޭސް ހޮޅީގެ ނެޓްވޯކްގެ ޑިޒައިން އަދި ކޮންސަލްޓެންސީ ބީލަން ހުޅުވާލައިފިއެވެ.

ހިޔާ ހައުސިންގ ޔުނިޓްތަކަށް ކައްކާ ގޭސް ގުޅާނީ، ގޭސް ވިއުގައަކުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީއާ ގުޅިގެން މިމަސައްކަތްކުރާ މޯލްޑިވްގޭސްއިން ވިދާޅުވީ 25 ބުރީގެ ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅާނެ ގޮތުގެ ކޮންސެޕްޓް ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ޤަވައިދުތަަކާ އެއްގޮތަށް ހިޔާ ފްލެޓުތަކަށް އެލްޕީޖީ ގޭސް ޕައިޕް ނެޓްވޯކު އެޅުމަށް ބޭނުންވާ ފުރަތަމަ ސްޓޭޖުގެ މަސައްކަތަށް ޑިޒައިން އެންޑް ކޮންސަލްޓެންސީ މަސައްކަތްކުރާ ފާމް ތަކަށް ހުޅުވާލާފައިވާކަމަށް މޯލްޑިވްސް ގޭސްއިން ވިދާޅުވެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ބޭރުގެ ކުންފުނިތަކުން މި މަހުގެ 19ގެ ކުރިން ބިޑް ޑޮކިޔުމެންޓު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

މޯލްޑިވް ގޭސް އިން ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ޓައިޕް އޭ އަދި ޓައިޕް "ބީ" ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަށް ކޮންމެ ޓައިޕަކަށް ވަކިވަކިން ޓީޓެއިލްޑް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މިގޮތުން ޓައިޕް "އޭ"ގެ 10 ޓަވަރުގައި 3840 އެޕާޓްމެންޓު ހުރެއެވެ. އަދި ޓައިބް "ބީ"ގެ 6 ޓަވަރުގައި 2880 އެޕާޓްމެންޓު ހުރެއެވެ.

ހިޔާ ފްލެޓްތަކަށް ގޭސް ވިއުގައެއް މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކީ، މިގޮތަށް ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ. ގޭސް ފޯރުކޮށްދިނުމަށް ވިއުގައެއް އެޅުމަށް ނިންމާފައިވަނީ އުސް އިމާރާތްތަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށެވެ.

ހިޔާ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ފްލެޓްތަކަށް މީހުން ބަދަލުވުމަށް ކުރިއަށްގެންދަންޖެހޭ ފަހުގެ މަސައްކަތްތަކެވެ. ފައިނަލް ލިސްޓް އާއްމުކޮށް، ފްލެޓްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީހުން ބަދަލުވުމުގެ ކުރިން ފްލެޓްތަކުގައި ހުންނަންޖެހޭ އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީންވަނީ ފަށާފައެވެ.

ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކުރަނީ ވިޔަފާރިތަކާއި އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށެވެ. މިއީ ހިޔާ މަޝްރޫޢުއިން އުނިކުރި 280 ޔުނިޓް ސަރަޙައްދުގައި ހަދާ ތަންތަނެވެ. މީގެތެރޭގައި ކުދި ފިހާރަތަކާއި، ސުޕަރ މާކެޓާއި، ބޯކޮށާ ތަންތަނާއި، ބުކްޝޮޕާއި، ބޭސްފިހާރައާއި، ކްލިނިކާއި، ކެފޭ ރެސްޓޯރަންޓްފަދަ ޚިދުމަތްތަކަށް ޖާގަވަނީ ކަނޑައަޅާފައެވެ.

ހިޔާ މަޝްރޫޢަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ހިޔާގެ 6720 ހައުސިންގ ޔުނިޓަށް 25000އަށްވުރެ ބޮޑު އާބާދީއެއް ބަދަލުވާނެކަމަށް ބެލެވެއެވެ. މި އާބާދީއަށް ދަތިކަމެއްނެތި އާއްމު ޚިދުމަތްތައް ލިބޭވަރަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ދަނީ ކުރަމުންނެވެ.