ވިޔަފާރި

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް 7 އަތޮޅެއްގެ ކައުންސިލާއެކު މަޝްވަރާކޮށްފި


އަތޮޅުތަކުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް 7 އަތޮޅެއްގެ ކައުންސިލާއެކު މިހާތަނަށް މަޝްވަރާކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ބައްދަލުވުންތަކުގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދީ ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް މި ބައްދަލުވުން 7 އަތޮޅެއްގެ ކައުންސިލާއެކު ކުރިއަށްގެންދެވިފައިވާކަމަށެވެ. އެއީ ހއ އިން ފެށިގެން ޅ އަތޮޅާއި ހަމައަށެވެ.

މި ބައްދަލުވުންތައް ކުރިއަށްގެންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ހުރިހާ އަތޮޅު ކައުންސިލްގެ ރައީސުންނާއި މޭޔަރުންނާއި ވަނީ ބައްދަލުކޮށްފައެވެ. މިހާރު ބައްދަލުކުރަމުންދަނީ އެ އަތޮޅެއް ހިމެނޭ ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި އަތޮޅު ކައުންސިލްގެ ރައީސްއާއި ރަށްރަށުގެ ރަށު ކައުންސިލްގެ ރައީސުންނާއެވެ. އަދި އެއަށްފަހު ކޮންމެ ރަށެއްގެ ކައުންސިލާ ވަކިން މަޝްވަރާކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރަނީ ލާމަރުކަޒީ ނިޒާމަށް އެންމެ ފަހުން ގެނެވުނު އިސްލާހުތަކާއިއެކު ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކައުންސިލްތަކަށް ކުރެވިދާނެކަންކަމާއި، އެރަށެއްގައި ޓޫރިޒަމް ފުޅާކުރުމަށް ކައުންސިލުން ގެންގުޅޭ ވިސްނުންތަކާއި، ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުވުމެވެ.

މީގެއިތުރުން ބައްދަލުވުންތަކުގެ ތެރެއިން ރިސޯޓް މޮޑެލްއަށް ރަށްރަށުގެ ފަތުރުވެރިކަން ގެނެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންވެސް އަތޮޅުގެ އެހެން ރަށްރަށަށްވެސް ޒިޔާރަތްކުރާނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތާއި އޭގެ ނަފާ އަތޮޅުގެ ރަށްރަށަށް ހޯދައިދިނުމުގެ މަސައްކަތް ކުރެވިދާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކައުންސިލްތަކުގެ ފަރާތުން މިކަމުގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އަދި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގައި އަތޮޅުތަކުގައިވެސް ވަރަށް ބޮޑަށް ވާދަވެރިކަން އެބައޮތްކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، ކޮންމެ ދުވަހަކު 1 އަތޮޅު ނުވަތަ 2 އަތޮޅަށް ބައްދަލުވުންތައް ބާއްވަމުންދާކަމަށެވެ. އެހެންކަމުން ހަފްތާއެއްގެ ތެރޭގައި އަތޮޅު ކައުންސިލްތަކާއި މަޝްވަރާކޮށް ނިންމާލެވޭނެކަމަށާއި މިމަސްތެރޭގައި ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ބައްދަލުކޮށް ނިންމާލެވޭނެކަމަށް އުންމީދުކުރާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިކަމަށް ޚާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީގައި ވަނީ ޓޫރިޒަމް ލޯކަލައިޒޭޝަނާއި ޑައިވަރސިފިކޭޝަނާބެހޭ ޔުނިޓެއްވެސް ޤާއިމްކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ %20 ހިއްސާކުރަނީ ގެސްޓްހައުސްތަކެވެ. އަދި ކޯވިޑް19 އަށްފަހު މިހާތަނަށް 425 ގެސްޓްހައުސް އަލުން ވަނީ ހުޅުވާފައެވެ. މިއާއިއެކު ގެސްޓްހައުސްތަކުން އަލުން އޮޕަރޭޝަނަށް އައި އެނދުގެ އަދަދު ވަނީ 7726 އަށް އަރާފައެވެ.