ޚަބަރު

"ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާނެ"


  • އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަން ވަޒީރު ފާހަގަކުރެއްވި

  • އިސްލާމީ ސްޓޫޑިއޯތައް، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް އެހީވި

ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވި ދެ އަހަރު 1.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ .މުޙައްމަދު ޝަހީލް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެންކަމަށެވެ. އަދި އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހު 1.2 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭ. އަދި ވަރަށް ރަނގަޅަށް ހިނގާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދޭ." އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މިއަހަރުގެ މި ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ’21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު' މި މަޢުޟޫއުއަށެވެ.