ދުނިޔޭގެ ވިޔަފާރި

ޓައިވާނާއެކު ވިޔަފާރީގެ ވާހަކަތައް އަނެއްކާވެސް ފަށާނެކަމުގެ އިޝާރާތެއް އެމެރިކާއިން ދީފި

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާގެ ރިޔާސަތުގައި ހުއްޓުމަކަށް އައިސްފައި އޮތް ޓައިވާނާއި އެމެރިކާގެ ވިޔަފާރީގެ ވާހަކަތައް އަނެއްކާވެސް ފަށާފާނެކަމުގެ އިޝާރާތެއް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން ދެއްވައިފިއެވެ.

ނަމަވެސް ޓައިވާނުން ބޭނުންވާގޮތަށް ފުޅާދާއިރާއެއްގައި ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ދައްކާނެކަމުގެ އިޝާރާތެއް އެންތޮނީ ދެއްވާފައެއް ނުވެއެވެ.

އެމެރިކާގެ ހައުސް ފޮރިން އެފެއާޒް ކޮމެޓީގެ ބައްދަލުވުމެއްގައި އެންތޮނީ ވިދާޅުވިގޮތުގައި ޓައިވާނާއެކު ވިޔަފާރީގެ ކޮންމެވެސް ކަހަލަ ފްރޭމްވޯކެއްގެ މައްޗަށް ވާހަކަތައް ވަރަށް އަވަހަށް ފަށާނެކަމަށާއި އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ ކެތްރީން ތައި އާއި މިކަމުގައި މަޝްވަރާކުރައްވާނެކަމަށެވެ.

ޓައިވާނަކީ އެޤައުމުގެ ސަރަޙަދެއްކަމަށް ދަޢުވާ ކުރާ ޗައިނާއަށް މި އެގްރީމެންޓްގެ ސަބަބުން ހިތްހަމަނުޖެހުންތައް އަންނާނެކަމުގައި ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ އޮފީހުން ބުނިގޮތުގައި ޓައިވާނާއި އެމެރިކާއާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަކީ މުހިންމުކަމެއްކަމަށް އެމެރިކާއިން ދެކޭކަމަށާއި ނަމަވެސް މި ވަގުތު ދެ ޤައުމުގެ ދެމެދުގައި އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް އަދި ނިންމާފައި ނުވާކަމަށެވެ.

އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރާ އޮފީހާއެކު ވާހަކަތައް ދެއްކުމަށް މަސައްކަތްކުރާމަކަމަށާއި މިކަމަށް އަލި މަގެއް ފެންނާނެކަމަށް އުންމީދު ކުރާކަމަށް ވޮޝިންގޓަނުގައި ހުންނަ ޓައިވާން ތަމްސީލުކުރާ އޮފީހުން ބުނެއެވެ.

އެންތޮނީގެ މި އިޝާރާތުން ދޭހަވަނީ އެމެރިކާއިން ޓައިވާނާއެކު ޓްރޭޑް އިންވެސްޓްމެންޓް ފްރޭމްވޯރކްސް ޓޯކްސް (ޓީއައިއެފްއޭ) އާއެކު ކުރިއަށް ދާނެކަންކަމަށް ޓައިވާނުގެ މާހިރުން ދަނީ ބުނަމުންނެވެ. ނަމަވެސް މިކަމާއިމެދު ބައިޑަންގެ ސަރުކާރުން އަދި ވަކިގޮތެއް ނުނިންމާކަމަށްވެސް މާހިރުން ބުނެއެވެ. މީގެއިތުރުން އެމެރިކާއާއެކު މި ވާހަކަތައް އޯގަސްޓްމަހުގެ ކުރިން ގެންދެވޭތޯ ޓައިވާނުގެ ރައީސް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށާއި އެހެންވެއްޖެނަމަ އެމެރިކާއިން އެތެރެކުރާ އޫރުމަހާއި ގެރިމަހުން ނަގާ ޓެކްސް ކަނޑާލާނެކަމަށްވެސް މާހިރުން ބުނެއެވެ.

ވިޔަފާރީގެ މި ވާހަކަތަކުގެ ސަބަބުން ޓައިވާން އާއި އިނގިރޭސިވިލާތް ފަދަ އެހެން ޤައުމުތަކާއި ދެމެދު ވިޔަފާރީގެ ގުޅުންތައް ޤާއިމުވެގެންދާނެތީ ޗައިނާއިން މިކަމަށް ފާޑުކިޔާނެ ކަމަށްވެސް މާހިރުން ބުނެއެވެ.