ޚަބަރު

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 6 މަސްދުވަސްތެރޭ ޖަހާގޮތަށް ނިންމައިފި


އެސްޓްރާޒެނެކާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭ މުއްދަތު 6 މަސްދުވަސް ތެރޭ ޖެހޭގޮތަށް ޑަބްލިއުއެޗްއޯއިން ހަމަޖެއްސުމާއި ގުޅިގެން ރާއްޖޭގައިވެސް މިގޮތަށް ޢަމަލުކުރުމަށް ނިންމައިފިއެވެ. ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ ބޮޑުބަޔަކަށް މިހާތަނަށް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ޖަހަންފެށި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން ލިބުމުގައި މިވަގުތު ގިނަ ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. ސަބަބަކީ މިވެކްސިން އުފެއްދުމުގައި ކުރިމަތިވެފައިވާ ދަތިތަކެއްގެ ސަބަބުން ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކުރައްވައެވެ. މިވަގުތު ރާއްޖޭގެ އާބާދީން ވެކްސިންޖެހި މީހުންގެ ބޮޑު އިންސައްތައަކީ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނެވެ. ރާއްޖެއިން ވެކްސިން ހުސްވުމާއި ގުޅިގެން ގިނަބައެއްގެ ކަންބޮޑުވުން މިކަމާ ގުޅިފައިވާ މިދަނޑިވަޅުގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ހަމަސް ދުވަސްތެރޭ ޖެހެނޭކަމުގެ ލަފައެއް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން (އެމްޓީއޭޖީއައި) އިންވަނީ މިހާރު ދެއްވާފައެވެ. އެއިދާރާއިން މިގޮތަށް ލަފާދެއްވާފައިވަނީ ދުނިޔޭގެ ގިނަ ޤައުމުތަކަކަށް މިމައްސަލަ ދިމާވުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް 6 މަސްތެރޭ ޖެހޭނެ ގޮތުގެ ލަފާދެއްވާ އެކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ޢާއްމުކުރައްވާފައިވަނިކޮށެވެ.

ކޮވިޝީލްޑްގެ ވެކްސިން ދެކުނު އޭޝިއާގެ ޤައުމުތަކަށް ފޮނުވުމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ވެކްސިން ޕްރޮގްރާމް، ކޯވެކްސްއަށް ވެކްސިން ފޯރުކޮށްދެމުން އައި އެއް ޤައުމަކީ އިންޑިއާއެވެ. ވޭތުވެދިޔަ ދެމަހެއްހާދުވަހުގެ ތެރޭގައި އެޤައުމުގައި ކޯވިޑްގެ ކޭސްތައް އިތުރުވެ ނުރައްކާތެރި ސަރޖެއް އައުމާއި ގުޅިގެން ވެކްސިން އުފެއްދުންވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އިންޑިއާގެ ކޯވިޑް ޙާލަތު ގޯސްވުމާއި ގުޅިގެން މިކަމުގެ އަސަރު ގިނަ ކަންކަމަށް ކުރާނެކަމަށް މީގެކުރިންވެސްވަނީ ލަފާކޮށްފައެވެ. މިމައްސަލަ ޙައްލުކުރުމަށް މިހާރު ތައިލެންޑުގެ ވެކްސިން އުފައްދާ މަރުކަޒުތަކުން މަސައްކަތްވަނީ ފަށާފައި ކަމަށް ހެލްތު މިނިސްޓްރީއިންވަނީ މީގެކުރިން ވިދާޅުވެފައެވެ. އަދި މިމަހުގެ ފަހުކޮޅު ރާއްޖެއަށް ލިބޭނީ އެސްޓްރާޒެނެކާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ތައިލެންޑުގެ ވެކްސިން އިންސްޓިޓިއުޓްއިން އުފައްދާ ވެކްސިން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮވިޝީލްޑް ވެކްސިން ޖަހަންޖެހޭ މުއްދަތަކަށް ކުރިން ހަމަޖައްސާފައިވަނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާއާއި 12 ހަފްތާގެ މުއްދަތެކެވެ. ޑަބްލިއުއެޗްއޯއިން މިގޮތަށް ކަނޑައެޅުމާއި ގުޅިގެން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން (އެމްޓީއޭޖީއައި) އިން ކުރިން ނިންމާފައިވަނީ ރާއްޖޭގައި ވެކްސިން ޖަހާނީ ފުރަތަމަ ޑޯޒްއަށްފަހު 8 ހަފްތާގެ ތެރޭގައިކަމަށެވެ. ކޮވިޝީލްޑް ވެކްސިން އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުންނަށް ދެވިފައިވާއިރު ބައެއް ފަރާތަކުން މިހާތަނަށް ފުރިހަމަކޮށްފައިވަނީ ވެކްސިންގެ އެއްޑޯޒެވެ. ވެކްސިން ބައްޔާދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތްކުރާނީ ވެކްސިންގެ ދެޑޯޒް ހަމަކޮށްގެންކަމަށްވީނަމަވެސް އެކަމުގައި މިވަގުތު ގިނަ ދަތިތަކެއްވަނީ ކުރިމަތިވެފައެވެ.