ޚަބަރު

ކަނޑުގެ ސަތަހަ %99، ޤައުމުގެ އާމްދަނީވެސް ގުޅެނީ ކަނޑުތަކާއި


ދުނިޔޭގެ %70 އަކީ ކަނޑުގެ ސަތަޙައެވެ. ނިސްބަތުން ދިވެހިރާއްޖެއަކީ ކަނޑުގެ ސަތަހަ އެންމެ ބޮޑު އެއް ގައުމަށްވާއިރު ދިވެހިރާއްޖޭގެ %99 ހިއްސާކުރަނީ ކަނޑުގެ ސަރަޙައްދެވެ. ދިވެހިންނަކީ ކަނޑުތަކަށް ފަރިތަ ބައެކެވެ. އަހަރުމެންގެ މައި ދެ ސިނާޢަތްކަމަށްވާ ފަތުރުވެރިކަމާ މަސްވެރިކަންވެސް ގުޅެނީ ކަނޑުތަކުގެ ނަފަޔާއެވެ.

އަހަރަމެންގެ ކެއުމުގެ މައިގަނޑު ބާވަތަކީ ކަނޑުން ބާނާ މަހެވެ. އަދި މަސްވެރިކަމުގެ ދާއިރާ ފުޅާވެ، ރާއްޖެއިން އެކްސްޕޯޓްކުރާ އުފެއްދުމަކުން ޤައުމަށް އެންމެ ބޮޑު ފައިދާއެއް ލިބެނީވެސް މަހުގެ ބާވަތްތަކުންނެވެ. މަސްދަޅުގެ އުފެއްދުންތަކުގެ އިތުރަށް، ވެލިއު އެޑެޑް ގިނަ ބާވަތްތަކެއް މިހާރު މަހުން އުފައްދައެވެ.

ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. މި ސިނާއަތް ގުޅެނީވެސް ރާއްޖޭ އުފެދިފައިއޮތް ޖަޒީރާ ވަންތަކާމާ، ކަނޑުތަކުގެ މުއްސަނދިކަމާއެވެ. ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ކަނޑުއަޑީގެ ރީތިކަމާ، އަދި އެކިކަހަލަ މޫދު ކުޅިވަރުތަށް ތަޖުރިބާކުރުމަށް އަންނަ ފަތުރުވެއިންނެވެ.

ދިވެހިރާއްޖޭގައި 50000 އަށްވުރެ ގިނަ މީހުން އާމްދަނީ ހޯދަނީ ފަތުރުވެރިކަމާ ގުޅުންހުރި ވަޒީފާތަކުންނެވެ. ޔޫއެންއިން އާއްމުކޮށްފައިވާ ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް އޯޝަން-ބޭސްޑް ނުވަތަ ކަނޑުތަކާ ގުޅުންހުރި އެކި ސިނާޢަތްތަކުން 40 މިލިއަނަށްވުރެ ގިނަ މީހުން އާމްދަނީ ހޯދާނެއެވެ.

މިކަމުންވެސް ހާމަވެގެންދަނީ ކަނޑުތަކުގެ މުހިންމުކަމާއި، ކަނޑުގެ ތިމާވެށި ދެމެހެއްޓުމުގެ މުހިންމުކަމެވެ. ރާއްޖެއަކީ ގުދުރަތީގޮތުން ކަނޑާ ފަރުގެ މުއްސަދިކަން ލިބިފައިވާ ޤައުމެކެވެ. މަސްވެރިކަމާ، ފަރުތަކުގެ ހިތްގައިމުކަމާ، އަދި ރާއްޖޭގެ ކަނޑުތަކުގައި އާއްމުކޮށް އެހެން ސަރަޙައްދުތަކުން ނުފެންނަ ގިނަ ދިރުންތައްވެސް އުޅެއެވެ.

ރާއްޖޭގެ ކަނޑުތަކާ ފަރުތައް ދެމެހެއްޓުމާ، އަދި މިތަންތަނަށް ލިބޭ ގެންލުންތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ ކަނޑާ ފަރުތަކުގެ މުހިންމު ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ މަސައްކަތެކެވެ. މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ހިމާޔަތްކޮށްގައިވާ ކަނޑުތަކާ ފަރުގެ ސަރަޙައްދު ހިމެނެއެވެ. މި މަސައްކަތާއެކު 2030ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ %20 ޙިމާޔަތްކުރުމަށްވަނީ ނިންމާފައެވެ. ރާއްޖެއިން އަންނަނީ ދުނިޔޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މައިދާނުގައިވެސް ވަކާލާތުކުރަމުންނެވެ.

ހުރިހާ އަތޮޅުތަށް ހިމެނޭހެން ރާއްޖޭގެ ކަނޑުތަކުގެ ދިރާސާއެއް ކުރިއަށްގެންދިއުމުގެ މަސައްކަތް ރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެންވަނީ ފަށާފައެވެ. މި ދިރާސާއިން އެއްކުރެވޭ މައުލޫމާތު ދެމެހެއްޓެނިވި މަސްވެރިކަންކުރިއެރުވުމަށާއި، މަސްވެރިކަމުން އާމްދަނީ އިތުކުރުމަށާއި، ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ޤާނޫނާއި ގަވާއިދުތައް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ.

އަދި ރާއްޖޭގެ ކަނޑުގެ ދިރުންތައް މުއްސަނދި ސަރަޙައްދުތަށް ޔުނެސްކޯގެ ބަޔޮސްފިއަރ ރިސަރވްގައި ހިމެނުމުގެ މަސައްކަތުގެ ދަށުން އައްޑުއާއި ފުވައްމުލައް ވަނީ ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައެވެ. ބ.އަތޮޅު ބައޮސްފިއަރ ރިޒާވާއެކު މިފަދަ ތިން ސަރަޙައްދު ރާއްޖޭގައި މިހާރު ހިމާޔަތްކޮށްފައި އެބައޮތެވެ.

ކަނޑާ ފަރުތަކުގެ ދިރުންތައް ޙިމާޔަތްކުރުމާ، އަދި މިކަންކަމަށް އިޙުމާލުވާ މީހުންނާމެދު ޤާނޫނުން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް ވަނީ ކަނޑައަޅާފައެވެ.

ކަނޑުތަކަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކާކަމުގައި ކުނީގެ މައްސަލަ، ޚާއްސަކޮށް ޕްލާސްޓިކްގެ މައްސަލައަށް ހައްލު ހޯދުމަށްވެސް ރާއްޖެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރުމާ، އަދި މީނޫންވެސް އެއްފަހަރު ބޭނުންކޮށް އުކަލާ ބާވަތްތައް މަދުކުރުން ހިމެނެވެ.

އަދި ކުނި މެނޭޖުކުރާ ނިޒާމުތައް ހަރުދަނާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ކަނޑުތައް ސާފު ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމުގައި ކޮންމެ ފަރުދެއްގެ ޒިންމާ މުހިންމެވެ. ކަނޑުތަކަށް ކުނި އެޅުމުގެ ބަދަލުގައި، ރައްކާތެރިގޮތުގައި ކުނި ނައްތާލަންޖެހެއެވެ.