ޚަބަރު

ކޯވިޑް-19 ދިފާޢު : ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 173،000އިން މައްޗަށް


ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް އިތުރު 1،028 މީހަކު ފުރިހަމަކޮށްފިއެވެ. މިއާއެކު ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ހަތްދިހަ ތިންހާހަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހި 1،028 މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ވެކްސިން ފުރިހަމަކޮށްފައިވަނީ 326 މީހުންނެވެ. ރަށްރަށުގައި 702 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 173،291 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 393 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 99 މީހަކާއި، އަތޮޅުތަކުގައި ފުރަތަމަ ޑޯޒް ޖެހި 294 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޢަދަދުވަނީ 312،133 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމެއް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.