ރާއްޖޭގެ މަސްދޯނި ފަހަރަށް ޖަޕާނުގެ އެންވަތުގެ މޮޑެލް ތަޢާރަފްކުރެއްވުމަށް
ކުރައްވާ ދިރާސާ އަންނަމަހު ފަށްޓަވާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރއިން ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ މަސްދޯނިފަހަރަށް ޖަޕާނުގެ އެންވަތުގެ މޮޑެލް ތަޢާރަފްކުރެއްވުމަށް
ކުރައްވާ ދިރާސާއާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ
ސީނިއަރ ސައިންޓިފިކް އޮފިސަރ އަޙުމަދު ރިޔާޒު ޖައުހަރީ ވިދާޅުވީ މިނިސްޓްރީން
ކުރެއްވި ދިރާސާއަކުން މަސްވެރިކަމަށް ބޭނުންކުރާ އެމަކީ ބައެއް ޙާލަތުތަކުގައި
ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާވަރަށް ލިބުން ދަތި އެއްޗެއްކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ޚާއްޞަކޮށް އެންވަތް ފަރުމާކުރެވިފައި ހުންނަ ގޮތުން ވަރަށް ގިނަ އެންތައް
މަރުވެގެން އުކާލަންޖެހޭކަމަށެވެ. މިހެން މިކަން ދިމާވާތީ މިކަމަށް ޙައްލެއް
ހޯއްދަވައިދެއްވުމުގެ ގޮތުން ޖަޕާނުގެ މަސްވެރި އުޅަނދުފަހަރުގެ އެންވަތް
ޑިޒައިންކޮށްފައި ހުންނަ ގޮތް ބަލައި އޭގެ މޮޑެލެއް ރާއްޖެގެނެސް ރާއްޖޭގެ
މަސްވެރިންނަށާއި، އޮޑި ދޯނިފަހަރު އެގޮތަށް ފަރުމާކޮށް ތައްޔާރުކުރާ ފަރާތްތަކަށް
ދައްކާލުމަށް މިހާރު ކުރިޔަށްދާ ފިޝަރީޒް އެކްސްޕޯގައި ވަނީ ބައްހައްޓާފައެވެ.
ރާއްޖޭގެ މަސް އުޅަނދުތަކުގައި ހުންނަ އެންވަތާއި، ޖަޕާނުގެ މަސް އުޅަނދުތަކުގައި
ހަދާފައިހުންނައެވަތާއި ވަރަށް ތަފާތުކަން ސައިޓިފިކް އޮފިސަރ އަޙުމަދު ރިޔާޒު
ޖައުހަރީ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ހަދާފައި ހުންނަ އެންވަތަށް
މަތިން ލޮނު އަޅާކަމަށާއި، އެގޮތަށް އެންވަތަށް މަތިން ލޮނުއެޅުމުން އެންވަތުގެ ލުނުގަނޑުގެ
ދައުރުވުންދަށްވެ، އޮކްސިޖަން ލިބޭ މިންވަރު މަދުވާކަމަށް ރިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެގެ މަސްދޯނިފަހަރުގެ އެންވަތުގައި މަރުވާ އެންތައް
ނަގަން ބޭނުންކުރާ ނިޒާމާއި، ޖަޕާނުގައި ހަދާފައި ހުންނަ އެންވަތުން މަރުވާ
އެންތައް ނަގާ ގޮތްވެސް ތަފާތުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ
އެންވަތުން މަރުވާ އެންތައް ނަގަން އެންވަތަށް މީހަކު ފައިބަން ޖެހޭކަމަށާއި، މިއާ
ޚިލާފަށް ޖަޕާނުގެ މަސްވެރި އުޅަނދުފަހަރުގެ އެންވަތުގައި މަރުވާ އެން ނަގަން އެވަތަށް
ފައިބަން ނުޖެހޭކަމަށެވެ.
ޖަޕާނުގައި ބޭނުންކުރާ އެންވަތުގެ މޮޑެލް ރާއްޖެއަށް ތަޢާރަފްކުރުމުގެ ގޮތުން
އައްޑޫ ސިޓީގެ މަސްދޯޏެއްގައި މިފަދަ ސިސްޓަމެއް ގެ މަސައްކަތް ފަށާފައިވާކަމަށް
ފިޝަރީޒް މިނިސްޓްރީން ހާމަކުރެއްވިއެވެ. އަދި މިނިޒާމު ތަޢާރަފްކުރުމަށް ދޯންޏަށް
ބަދަލުތަކެއް ގެނެސް އަންނަ ޑިސެމްބަރު މަހު ދިރާސާތައް ފަށާނެކަމަށާއި، ދިރާސާ ކުރިޔަށް އޮތް އެއްއަހަރަށް ކުރިޔަށް ގެންދަވާނެކަމަށްވެސް
ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއްވާއެވެ. އެންވަތަށް މިބަދަލުގެނެސް، އެންތަކުގެ ދިރުމަށް ބަދަލުތަކެއް އަތުވެއްޖެނަމަ،
މިކަމުގެ މަޢުލޫމާތު ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ދެއްވާނެކަމަށްވެސް ފިޝަރީޒް
މިނިސްޓްރީން ވިދާޅުވިއެވެ.