ޚަބަރު

ދަރަވަންދޫގައި ހަދާ އިމަރޖެންސީ މެޑިކަލް ސެންޓަރަކީ އިންޑިޔާއާއި ރާއްޖޭގެ ސިއްހީ ގުޅުމަށް ލިބުނު ކުރިއެރުމެއް


ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ހަދާ އިމަރޖެންސީ މެޑިކަލް ސެންޓަރއަކީ ރާއްޖެއާ އިންޑިއާގެ ސިއްޙީ ދާއިރާގެ ގުޅުމަށް ލިބުނު ކުރިއެރުމެއް ކަމަށް ދެކޭކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިޔާ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައިވަނީ ދަރަވަންދޫގައި ހަދާ އިމަރޖެންސީ ސެންޓަރ ޤާއިމް ކުރުމަށްޓަކައި ދިވެހި ރާއްޖެއާ އެއްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ރާއްޖޭގެ ރައީސުލްޖޫމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް އަށާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއަށް ޝުކުރު އަދާ ކޮށްފައެވެ.

ދަރަވަންދޫގައި ހަދާ އިމަރޖެންސީ މެޑިކަލް ސެންޓަރު އިމާރާތުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ. ދަރަވަންދޫ ސިއްހީ މަރުކަޒުން ބުނީ އިމާރާތުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ. އެއީ ކުލަލުމާއި މުށި ޖެހުމުގެ މަސައްކަތާއި ކަރަންޓް ވައިރިން އާއި އޭސީ ހަރުކުރުމުގެ މަސައްކަތެވެ. މި ޕްރޮޖެކްޓް ދަށުން އިމަރޖެންސީގަ ފަރުވާދޭނެ ސެންޓަރެއ ހެދުމުގެ އިތުރުން ކުއްލި ފަރުވާއަށް ބޭނުންވާ އެކިއާލާތްތައް ހޯދޭނެ ކަމަށް އިންޑިޔަން ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ. މިމަޝްރޫޢުގެ އަގަކީ ގާތްގަޑަކަށް 8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ދެ ފަންގި ފިލާއަކަށް ހަދާ މިއިމާރާތުގައި ކަރަންޓް ބޭނުން ކުރުމަށް އެއިމާރާތުގެ ފުރާޅުގައި ސޯލާ ސިސްޓަމެއް ވަނީ ހަރުކޮށްފައެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުން ބުނީ، މިސޯލާ ޕެނަލްއިން 20 ކިލޯ ވޯޓްގެ ކަރަންޓް އުފެއްދޭނެކަމަށެވެ.

ދަރަވަންދޫގައި އިމަރޖެންސީ މެޑިކަލް ސެންޓަރ ހެދުމުގެ މައިގަނޑު އެއްބޭނުމަކީ އެރަށުގައި އެއަރޕޯޓެއް އޮތުމެވެ. މިސެންޓަރު ހުޅުވުމުން އިމަރޖެންސީކޮށް ގެންނަ ބަލިމީހާ މާލެ ގެންދެވެންދެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މިއިމާރާތުގެ މަސައްކަތް ކުރަނީ ދިވެހި ކުންފުންޏެއްކަމަށްވާ އެލް އެޓް ކޮންސްޓްރަކްޝަނުންނެވެ.