ދުނިޔޭގެ ވިޔަފާރި

އީޔޫގައި ނުހިމެނޭ 3 ޤައުމަކާއެކު ޔޫކޭއިން ވިޔަފާރީގެ އެއްބަސްވުމެއް

ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށްފަހު އިއްތިޙާދުގައި ނުހިމެނޭ ނޯވޭ، އައިސްލޭންޑް އަދި ލިކްޗުންސަޓައިން އާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި އިނގިރޭސިވިލާތުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދުގައި ނުހިމެނޭ މި ތިން ޤައުމާއެކު ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށާއި އެއްބަސްވުމުގެ އަގު މިހާރުވެސް 21.6 ބިލިއަން ޕައުންޑަށް އަރާކަމަށް އިނގިރޭސިވިލާތުގެ ވަޒީރު ލިޒް ޓްރަސް ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ސަބަބުން ޑިޖިޓަލް ސެކްޓަރަށް ކުރިއެރުންލިބި އިނގިރޭސިވިލާތުގައި އުފައްދާ ޗީޒް އަދި އެއްގަމުމަހުގެ ބާވަތްތަކުން ޓެކްސްވެސް އުނިވެގެން ދާނެކަމުގައި ވަޒީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވިދާޅުވާގޮތުގައި ޑިނގާ އަދި ހެޑޮޑޮކްއިން ނަގާ ޓެކްސް މަދުކުރުކުގެ ސަބަބުން މަހުގެ ބާވަތްތައް އުފެއްދުމުގެ ޚަރަދު ކުޑަވެގެން ދާނެކަމާއި މީގެއިތުރުން ސްކޮޓްލޭންޑް، އިރުމަތީ ޔޮކްޝިރޭ އަދި ލިންކޮލޮންޝިރޭގައި ވަޒީފާތައް އިތުރުވެގެންދާނެކަމަށެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތައް ފިޔަވައި ނޯވޭގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ބައިވެރިއަކީ އިނގިރޭސިވިލާތެވެ.

އިނގިރޭސިވިލާތަކީ ޔޫރަޕިއަން ކޮމަން ފިޝަރީޒް ޕޮލިސީގައި ބައިވެރިނުވާ ޤައުމެއްކަމުން ވިޔަފާރީގެ ވާހަކަތައް ސީދާ ނޯވޭ އާއި ދެއްކުމަށް އިނގިރޭސިވިލާތަށް ވަނީ މަޖުބޫރުވެފައެވެ.

ނަމަވެސް އެތެރޭގެ ބާޒާރުތަކަށް އިނގިރޭސިވިލާތުގެ ބަކަރިމަހާއި ޗީޒްގެ ވިޔަފާރި ހުޅުވާލުމުން ނޯވޭގެ ގިނަ ދަނޑުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި އެއްބަސްވުމަކީ ދެފަރާތަށްވެސް ވިޔަފާރީގެ ފައިދާތައް ވާނެ އެއްބަސްވުމެއްކަމަށާއި ނަމަވެސް ޔޫރަޕިއަން އިކޮނޮމިކް އޭރިއާގައި ދެ ޤައުމުވެސް އޮތްއިރު ލިބުނު ހުރިހާ ފައިދާއެއް ނުލިބޭނެކަމަށް ނޯވޭގެ ސަރުކާރުން ވަނީ ބުނެފައެވެ.