މުނިފޫހިފިލުވުން

ހެރީއާއި މޭގަންއަށް އަންހެން ކުއްޖެއް، ނަން ދިނީ ރާނީއާއި ޑަޔާނާގެ ނަމުން


އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މޭގަންއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

މި ދެމަފިރިންނަށް ލިބިފައިވާ ދަރިކަނބަލުންގެ ނަމަކީ ލިލީބެޓް ޑަޔާނާ މައުންޓް ބެޓެން ވިންޑްސާއެވެ. ރާނީ އެލިޒަބަތަށް ޢާއިލާ މީހުން ލޯބިން ކިޔާ ނަމަކީ ލިލީބެޓްއެވެ. ޑަޔާނާ އަކީ ހެރީގެ މަންމަ އަދި ލިލީގެ މާމަ އެވެ. އެހެންކަމުން ދަރި ކަނބަލުންނަށް ނަން ދީފައިމިވަނީ ރާނީ އެލިޒިބަތާއި މާމަ ޑަޔާނާގެ ނަމާއި ގުޅުވައިގެންނެވެ.

މިއީ މި ދެމަފިރިންގެ ދެވަނަ ދަރިފުޅެވެ. 2019 ވަނަ އަހަރު ލިބިފައިވާ ފުރަތަމަ ފިރިހެން ދަރިފުޅުގެ ނަމަކީ އާޗީ އެވެ.

ހެރީއާއި މޭގަންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ލިލީ އުފަންވުމުން ވަރަށް އުފަލާއެކު އެ ދެމަފިރިން ލިލީއަށް މަރުޙަބާ ކިޔާފައިވާކަމަށާއި މޭގަން ވިހާފައިވަނީ ޖޫން 4 ވީ ހުކުރު ދުވަހު 11:40 ގައި ކެލިފޯނިއާގެ ސަންޓާ ބަރުބަރާ ކޮޓޭޖް ހޮސްޕިޓަލްގައިކަމަށެވެ. ލިލީ އުފަންވީއިރު ބަރުދަނުގައި ހުރީ 3.5 ކިލޯ ހުރިކަމަށާއި މިހާރު ދެމައިން ގެޔަށް ބަދަލުކޮށްފައިވާކަމަށްވެސް މި ބަޔާނުގައިވެއެވެ.

ހެރީއާއި މޭގަން ލިލީ ވެގެން ގޮސްފައި މިވަނީ އިނގިރޭސި ވިލާތުން ބޭރުގައި ވިހޭ ރާނީގެ ފުރަތަމަ މުނިމާމަ ދަރިފުޅަށެވެ.

އަމިއްލަ މިނިވަންކަމާއެކީ ދިރިއުޅުމަށްކަމަށް ބުނެ ޝާހީ ޢާއިލާއާއިން ނިކުމެ ހެރީ އާއި މޭގަންވަނީ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. 39 އަހަރުގެ މޭގަން އޭނާއަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން އިޢުލާނު ކޮށްފައިވަނީ މާރިޗް މަހު އޮޕެރާ ވިންފްރީގެ ޝޯއަކަށް ދިން އިންޓަރވިއުއެއްގައެވެ. މި އިންޓަރވިއުގެ ސަބަބުން ހެރީގެ ދެމަފިރިންނާއި ޝާހީ އާއިލާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.