ޚަބަރު

ހަރުދަނާ ފިޔަވަޅުތަކުން ނަމްބަރު ދަށަށް، އެކަމަކު އަދިވެސް ސަމާލުވާންޖެހޭ


ކޯވިޑް-19އަށް ޕޮޒިޓީވްވާ މީހުންގެ ޢަދަދު ހާހުން މައްޗަށް އަރައިގެންގޮސް، މިދިޔަ މަސް ވެގެންގޮސްފައި ވަނީ މިބަލީގައި ރާއްޖެއަށް ފެނުނު އެންމެ ބިރުވެރި ދުވަސްވަރަށެވެ. އަދި މިހާތަނަށް އެއްމަހެއްގެ މައްޗަށް އެންމެ ގިނަ މީހުން ރާއްޖެއިން މިބަލީގައި ނިޔާވެފައިވަނީވެސް މިދިޔަމަހުގެ ތެރޭގައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ދިހަ ވަރަކަށް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު މަންޒަރު ބަދަލުވާތަން ވަނީ ފެންނަން ފަށާފައެވެ.

ކޯވިޑަށް ރާއްޖޭގައި މިހާތަނަށް 67538 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ މޭއިމަހުގެ ތެރޭގައެވެ. އެއީ 33378 މީހުންނެވެ. އަދި މިހާތަނަށް އެއްމަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވިމަހަކީވެސް މިދިޔަމަހެވެ. މިބަލީގައި ރާއްޖެއިން މިދިޔަ މަހު 88 މީހުން ވަނީ ނިޔާވެފައެވެ. އެއް ދުވަސްތެރޭގައި 13 މަރު ރާއްޖެއިން މިބަލީގައި މިދިޔަމަހު ރިކޯޑުކޮށްފައިވެއެވެ. ރާއްޖޭގައި ތިބި ސިއްޙީ އެހީތެރިންނާއި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާ އަޅާބަލާއިރު މިއީ ފަރުވާދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ދުވަސްތަކެކެވެ.

ރާއްޖޭގައި ކޯވިޑްޖެހޭ މީހުންގެ އަދަދު އިތުރުވާން ފެށުމުން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމަށްޓަކާ އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ވަރުގަދަކުރިއެވެ. އެގޮތުން ކާފިއުގެ ވަގުތު ވަނީ ހަވީރު 4:00 އިން ފެށިގެން ހެނދުނު 8:00 ޖެހުމާހަމައަށް އިތުރުކޮށްފައެވެ. އަދި ކާފިއު ނޫންގަޑިތަކުގައި ގެއިން ބޭރުގައި އުޅެވޭނީ ފުލުހުން ނުވަތަ އިކޮނޮމިކް މިނިސްޓްރީގެ ޚާއްސަ ފާސްތައް ދޫކޮށްފައިވާ މީހުން އެކަންޏެވެ.

މީގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. މީގެ 10 ވަރަކަށް ދުވަސްކުރިން ޕޮޒިޓީވްވާ މީހުންގެ ޢަދަދުހުރީ އެވްރެޖްކޮށް 1000-1200އާއި ދެމެދުގައެވެ. މިދިޔަ މަހުގެ 30 ވަނަދުވަހުން ފެށިގެން ޕޮޒިޓިވްވާ ޢަދަދު ދަށަށްގޮސް ދުވާލަކަށް ޕޮޒިޓިވްވާ ޢަދަދު ވަނީ 700ގައި ހިފެހެއްޓިފައެވެ. އަދި މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބަލާއިރު ޕޮޒިޓިވްވާ ނިސްބަތްވަނީ 550އާއި 650އާ ދެމެދުގައެވެ.

މާލޭގައި ޕޮޒިޓިވްވަމުން އައި ޢަދަދު 800އިން މަތީގައި ހުރުމަށްފަހު ފިޔަވަޅުތަކާއެކު މިހާރުވަނީ އެވްރެޖްކޮށް ޕޮޒިޓިވްވާ ޢަދަދު 300އަށް ދަށަށް ގޮސްފައެވެ. އަތޮޅުތެރޭގައި ޕޮޒިޓިވްވަމުން އަންނަ ޢަދަދުތައް 400އިން މަތީގައި ހުރުމަށްފަހު މިހާރުވަނީ 200އަށް ވުރެ ދަށަށް ގޮސްފައެވެ.

ކޯވިޑްގެ ފިޔަވަޅުތައް ވަރުގަދަކުރިތާ ދެހަފްތާވުމާއި ގާތްވެފައިވާއިރު ބައްޔަށް ހުށައެޅެމުންދާ މީހުންގެ ޢަދަދު މިހާރު އަންނަނީ މަދުވަމުންނެވެ. އެހެންނަމަވެސް އަދިވެސް އެކަށީގެންވާ ހަލުވި މިނުގައި ބަލި ފެތުރުން ކޮންޓްރޯލްވާނީ މިހާރަށްވުރެވެސް ބޮޑަށް ފިޔަވަޅުތަކަށް ސަމާލުވެވިގެންކަމަށް އެޗްޕީއޭއިން ބުނެނެވެ. އަދި ބަލީގައި ޙާލު ބޮޑުވާ މީހުންނާއި ނިޔާވާ މީހުން މަދުކުރެވޭނީ ބައްޔަށް ހުށައެޅޭ މީހުންގެ ޢަދަދު މަދުކުރެވިގެންނެވެ.