ޚަބަރު

ކޯވިޑް- 19 : އިތުރު 590 މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު 590މިހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 67ހާހަށްވުރެ މައްޗަށް އަރާފައެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 590 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 389މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 195 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 67538 އަށްވަނީ އަރާފައެވެ.

މެއި މަސް ނިމުނުއިރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 24000އިން މަތީގައި ހުރިނަމަވެސް، މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދުވަނީ ދަށްވާން ފަށާފައެވެ. އަދި ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން މިހާރު މިބަލީގައި ފަރުވާ ހޯދާމީހުންގެ ޢަދަދު ވަނީ 20000އަށް ދަށްވެފައެވެ. އެގޮތުން މިބަލީގައި މިހާރު ފަރުވާ ހޯދާ މީހުންގެ ޢަދަދު އުޅެނީ 20014ގައެވެ.

ރާއްޖޭގައި މި ބަލީގަ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ދަށަށް ގޮސްފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 191އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1603 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 47333 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް 5256 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 182 މީހަކު ވަނީ ނިޔާވެފައިވެއެވެ.