ޚަބަރު

އަމިއްލައަށް އިސްނަގާ ކައުންސިލްތަކަށް ސަރުކާރުގެ މާލީ އެހީ


ރާއްޖޭގެ
ކައުންސިލްތަކުގެ ތެރެއިން އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރާ
ކައުންސިލްތަކަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވަމުން
ދާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.



ހައްދުންމަތީ އަތޮޅު
ކައުންސިލުން އިސްނަގައިގެން ރޭ ބޭއްވި، ހައްދުންމަތީ އެކަޑަމިކް އެވޯޑް ނައިޓް
ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ލާމަރުކަޒީ
ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ގިނަ
މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.



ހައްދުންމަތީ
އެކަޑަމިކް އެވޯޑް ދިނުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު
ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، އަތޮޅުތަކުގެ ހިންގުމުގެ ނިޒާމް ހަރުދަނާވަމުން އަންނަކަން ފާހަގަ
ކުރެވެމުންދާކަމަށާއި، އެގޮތުން ވަރަށް ގިނަ އަތޮޅުތަކުން އަމިއްލައަށް
އިސްނަގައިގެން އެކި ކަންތައްތައް ކުރައްވަމުންދާކަން ފާހަގަކުރެވެމުންދާކަމަށެވެ.
އަދި އަންނަ އަހަރުން ފެށިގެން އަތޮޅުތަކުގެ ކައުންސިލްތަކުން އަމިއްލައަށް އިސްނަގައިގެން
ކުރައްވަމުންދާ ކަންތައްތަކަށް ސަރުކާރުން މާލީ އެހީތެރިކަން
ފޯރުކޮށްދެއްވަމުންދާނެ ކަމަށާއި އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައިވެސް
މިކަމަށްޓަކައި ފައިސާ ހިމަނާފައިވާނެކަމަށެވެ.



މިނިސްޓަރގެ
ވާހަކަފުޅުގައި ކައުންސިލްތަކުން އިސްނަގައިގެން ކަންތައްތައް ކުރެއްވުމުގެ
މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ، ކައުންސިލްތަކަކީ ދިރުންހުރި
ކައުންސިލްތަކަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.



ހައްދުންމަތީ ގަމު،
ޙަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލުގައި ރޭ ބޭއްވި ހައްދުންމަތީ އެކަޑަމިކް
އެވޯޑް ނައިޓްގައި ހައްދުންމަތީގެ ދަރިވަރުންނާއި މުދައްރިސުން އަދި ސްކޫލުތަކަށް،
ފާހަގަކޮށްލެވޭ 8 ދާއިރާއަކުން އެވޯޑް ދީފައިވެއެވެ.



އެގޮތުން، އަތޮޅުގެ
ހިންމަތްތެރި ދަރިވަރުގެ އެވޯޑް 9 ދަރިވަރަކަށް ދީފައިވާއިރު، އަތޮޅުގެ ޝަރަފުވެރި
ދަރިވަރުގެ އެވޯޑް 8 ދަރިވަރަކަށް ދީފައިވެއެވެ. އަދި މީގެ އިތުރުން އަތޮޅުގެ
ތޫނުފިލި ދަރިވަރުގެ އެވޯޑް 5 ދަރިވަރަކަށް ލިބިފައިވެއެވެ.



މުދައްރިސުންނާއި
ސްކޫލުތަކަށް ދެވުނު އެވޯޑްތަކަށް ބަލާލާއިރު އަތޮޅުގެ ކާމިޔާބު އެދުރުގެ އެވޯޑް 4
މުދައްރިސަކަށް ލިބުނުއިރު އަތޮޅުގެ ޚިދުމަތްތެރި އެދުރުގެ އެވޯޑުވެސް
ލިބިފައިވަނީ 4 މުދައްރިސަކަށެވެ.



މީގެ އިތުރުން
އައްޝައިހް އެދުރު އުމަރު މާފަތް ކަލޭފާނު އެވޯޑް 4 ސްކޫލަކަށް ލިބިފައިވާއިރު،
އަލްޚަތީބް މުހައްމަދު ޝިރާޖުއްދީން އެވޯޑްވެސް ލިބިފައިވަނީ 4 ސްކޫލަކަށެވެ.



ހައްދުންމަތީ އަތޮޅު
ކައުންސިލުގެ އެކަޑަމިކް އެވޯޑް ނައިޓަކީ، ހައްދުންމަތީގެ ދަރިވަރުންނާއި
މުދައްރިސުން ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް
ހިއްވަރު ދިނުމަށް އަތޮޅު ކައުންސިލުން އެކަށައަޅާފައިވާ ސިޔާސަތެކެވެ.