ޚަބަރު

ތިމާވެށީގެ ޕްރޮޖެކްޓުތަކުގެ ގަދަ ފަހެއްގައި މުހްޔިއްދީން ސްކޫލްގެ "މުރަކަ ކުދިން"



ވޯލްޑް އޯގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމެންޓުން ހޮވި ތިމާވެށީގެ ޕްރޮޖެކްޓުތަކުގެ ގަދަ ފަހެއްގައި މުޙްޔިއްދީން ސްކޫލުގެ މުރަކަ އިންދުމުގެ ޕްރޮޖެކްޓް ހިމެނިއްޖެއެވެ. މުޙްޔިއްދީން ސުކޫލުގެ ތިމާވެށީގެ ޕްރޮޖެކްޓް "މުރަކަ ކުދިން" ހިމެނުނީ މި ލިސްޓްގެ 4 ވަނައިގައެވެ.

މި ޕްރޮޖެކްޓަކީ މޫދުބުޅާ ޑައިވިން ސެންޓަރާއި ސޭވް ބީޗް މޯލްޑިވްސްއާއި އިނގިރޭސި ވިލާތުގެ ހާޓްފޯޑްޝަޔަރގެ އެހީތެރިކަމާއެކު މުހްޔިއްދީން ސްކޫލްގެ ސްކައުޓް ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

"މުރަކަ ކުދިން"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓަކީ ފަރު ހިމާޔަތް ކުރުމުގެ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެން އެ ސްކޫލްގެ ސްކައުޓް ދަރިވަރުން ވަނީ ފަރުތަކާއި މުރަކަތަކަށް ދިމާވާ އެކި މައްސަލަތައް ބަލައި ދިރާސާ ކޮށްފައެވެ. މި ސްކައުޓް ދަރިވަރުންގެ މަޤްޞަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ވިލިމާލޭގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތައް އަލުން އިޔާދަކުރުމެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި, އެކި ގައުމުތަކުގެ ސްކައުޓުން ކުރިއަށްގެންދާ ތިމާވެށީގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ގަދަ ފަސް ޕްރޮޖެކްޓް އެޖަމްއިއްޔާއިން އާންމުކޮށްފައިވެއެއެވެ. އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ވިލިމާލޭ މުޙްޔިއްދީން ސްކޫލުގެ މުރަކަ އިންދުމުގެ ޕްރޮޖެކްޓް ހިމެނިފައިވާތީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް މަރުހަބާ ކިޔާފައެވެ.

އެ ޖަމްއިއްޔައިން އާއްމުކުރި ތިމާވެށީގެ ޕްރޮޖެކްޓްތަކުގެ 1 ވަނައިގައި ހިމެނެނީ ޔަތީމްޚާނާއެއްގައި ސޯލާޕެނަލް ހަރުކުރުމަށް އަފްޣާނިސްތާނުގެ ސްކައުޓުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެވެ.، 2 ވަނައިގައި ހިމެނުނީ ފްލާސްޓިކް ކުނިބުނި ސާފުކުރުމަށް ސައުތު އެފްރިކާގެ ސްކައުޓުން ކުރިއަށް ގެންދާ ޕްރޮޖެކްޓެވެ. ސިނގިރޭޓް ބަޓުން ގަސްކާނާ ފަދަ ތަކެތި އުފައްދައިގެން އަލުން ބޭނުން ކުރެވޭނެ ގޮތް ހެއްދުމަށް ގްރީސްގެ ސްކައުޓުން ކުރިއަށްގެންދާ ޕްރޮޖެކްޓް ހިމެނެނީ ލިސްޓްގެ 3 ވަނައިގައެވެ. އަދި ޖަންގަލީގެ ދިރުންތައް ހިމާޔަތް ކުރުމަށް 65,000 ގަސް އިންދުމަށް ކްރޮއޭޝިއާގެ ސްކައުޓުން ކުރިއަށްގެންދާ ޕްރޮޖްކްޓް ހިމެނުނީ 5 ވަނައިގައެވެ.