ދުނިޔޭގެ ވިޔަފާރި

ވެކްސިނާއިއެކު ދުނިޔޭގެ އިޤްޠިޞާދަށް ހެޔޮ ބަދަލުތަކެއް އެބަ އާދޭ


ކޯވިޑުން ރައްކާތެރިވުމަށް ވެކްސިން ދޭން ފެށުމުން ދުނިޔޭގެ އިޤްޠިޞާދަށް ހެޔޮ ބަދަލެއް ތަކެއް އަންނަމުން ދާކަމަށް އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) އިން ބުނެފިއެވެ. އެ އިދާރާއިން ބުނީ ބަންދުކޮށްފައިވާ ވިޔަފާރިތައް ޤައުމުތަކުގައި ވެކްސިން ދޭން ފެށުމުން އަލުން ހުޅުވި ހިގައިގަންނަން ފަށާފައިވާކަމަށެވެ. އަދި ދުނިޔޭގެ އެންމެބޮޑު އިޤްޠިޞާދު އޮތް އެމެރިކާއިން އިޤްޠިޞާދު ރަގަޅުކުރުމަށް އެތައް ފައިސާއެއް ޚަރަދުކޮށްފައިވުމުން އޭގެ އަސަރުވެސް ފެންނަން ފަށާފައިވާކަމަށްވެސް އޯއީސީޑީން ބުނެއެވެ.

މީގެކުރިން އޯއީސިޑީން ލަފާކިރި ގޮތާއި ޚިލާފަށް ދުނިޔޭގެ އިޤްޠިޞާދު މިއަހަރުގެ މިހާތަނަށް ވަނީ 5.8 އިންސައްތައިގެ ކުރިއެރުން ހޯދާފައެވެ. އޯއީސީޑީން ލަފާކޮށްފައިވަނީ މިއަހަރު 5.6 އިންސައްތައިގެ ކުރިއެރުން ލިބި އަންނަ އަހަރު 4.0 އިންސައްތައިގެ ކުރިއެރުން ލިބޭނެކަމަށެވެ. ނަމަވެސް މިއާއި ޚިލާފަށް އަންނަ އަހަރުވެސް 4.4 އިންސައްތައިގެ ކުރިއެރުން އަންނާނެކަމަށް އެ އިދާރާއިން މިހާރު ލަފާކުރެއެވެ.

ދުނިޔޭގެ އިޤްޠިޞާދު މިހާރުވަނީ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށްނަމަވެސް ބަލިމަޑުކަމުގެ ކުރިން ލަފާކޮށްފައިވާ މިންވަރަށް އަދި ކުރިއަރައިގެން ނުދާކަމަށް އޯއީސީޑީން އެންމެ ފަހުން ޢާންމުކުރި ހިސާބުތަކުން ދައްކައެވެ.

އޯއީސީޑީގެ އިސް އިޤްޠިޞާދީ މާހިރު ލައުރެންސް ބޫނޭ ވިދާޅުވީ ހީނަރުވެފައިވާ ދުނިޔޭގެ އިޤްޠިޞާދު މިހާރު ދަނީ ރަގަޅުވަމުންކަމުން ކަމަށާއި ނަމަވެސް ބަލިމަޑުކަމަށްފަހު ފުދޭވަރަށް އިޤްޠިޞާދު ކުރިއަރައިގެން ނުދިއުމުގެ ބިރުވެސް އެބައޮތްކަމަށެވެ.

ވެކްސިން ދޭ މިންވަރަށް ބަލައި ކުރިއަރައިފައިވާ ގިނަ ޤައުމުތަކުގެ ވިޔަފާރިތައް އަލުން ހުޅުވަމުން ދިޔަނަމަވެސް ކުރިއަރަމުން އަންނަ ގިނަ ޤައުމުތަކުގައި ވެކްސިން ދެވޭ މިންވަރު މަދުވުމާއި ވައިރަހުގެ އައު ވޭރިއަންޓްތައް ފެނިފައިވުމުގެ ސަބަބުން އެޤައުމުތަކުގެ އިޤްޠިޞާދުން އަދި މާބޮޑު ކުރިއެރުމެއް ނުފެންނަކަމަށް އޯއީސީޑީން ބުނެއެވެ.

ކުރިއަރާފައިވާ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން އަމާޒަށް ވާސިލުވުމަށް މާލީ ޙާލަތު ރަނގަޅަށް ބޭއްވުމަށާއި އިންފްލޭޝަން ކޮންޓްރޯލްކުރުމަށްވެސް އޯއީސީޑީން ވަނީ ޤައުމުތަކަށް ގޮވާލާފައެވެ. މީގެއިތުރުން ވައިރަހުގެ އަސަރުކޮށްފައިވާ ގިނަ ހިސާބުތަކަށް ފުޅާދާއިރާއެއްގައި ވެކްސިންދީ ބަލިން ރައްކާތެރިވަންދެން ގޭބީސީތަކަށާއި ކުންފުނިތަކަށް މާލީ އެހީ ސަރުކާރުތަކުން ދިނުމަށްވެސް އޯއީސީޑީން ވަނީ ޤައުމުތަކަށް ގޮވާލާފައެވެ.

ގިނަ ޢަދަދެއްގެ ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފުކޮށް އެމެރިކާގެ އިޤްޠިޞާދަށް ޚަރަދުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ޤައުމުގެ އިޤްޠިޞާދުވަނީ ލަފާކޮށްފައިވާ ވަރަށްވުރެ އިތުރަށް 6.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެމެރިކާގެ ސްޓިމިއުލަސް ޕްލޭނުން 3 ނުވަތަ 4 އިންސައްތަ އެމެރިކާގެ ޢިޤްޠިޞާދަށް ޙިއްޞާވާނެއެވެ. އަދި 1 އިންސައްތަ ދުނިޔޭގެ ޢިޤްޠިޞާދަށް އޭގެ އަސަރުކުރާނެއެވެ.