މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އެރިއިރު، އޭގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން މުޅި އަހަރުގެ ނިސްބަތުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ މިކަންކަން މިޓިގޭޓްކޮށް ވާނެ ގެއްލުން މުޅި އަހަރުގެ ނިސްބަތުން ވީހާވެސް ކުޑަކުރަން. އެހެންމެ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިދިޔަ އަހަރަކީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރު. އެ އަހަރަށްވުރެ ދަށްނުވެ ނުވަތަ އެއަހަރުގެ އެރައިވަލް ފިގާ ދަށްނުވެ، ނުވަތަ އެއާ އެއްވަރު ނަންބާސްއިން ނިންމާލެވިއްޖެއްޔާމު އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އޭގެން އަންގައިދެނީ، ސަރުކާރަށް އިންޑަސްޓްރީއާއި ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ." ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް ކުރި މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދިޔަ ރޭޓު މިހާރު ވަރަށް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރުގެ ބުކިންތަކަށާއި، ސިނާއަތުގެ މާހިރުންގެ އެސެސްމަންޓުތަކަށް ބަލާއިރު، މިދިޔަ އަހަރު ހާސިލުކުރި ޓާގެޓަށްވުރެ ދަށްނުވެ މިއަހަރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ރޫޓުތަކަށް ބަދަލު އައިސް، ދަތުރުކުރުމުގެ ޚަރަދުތައް ބޮޑުވުމަކީ ރާއްޖެ ފަދަ މަންޒިލުތަކަށް ފަތުރުވެރިން އައުމަށް އެޅުނު ހުރަހެކެވެ. ވަކިން ޚާއްސަކޮށް ޔޫރަޕުގެ މާކެޓުތަކުން ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ ރޫޓުތަކަށް ބަދަލު އައުމާއި، ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ޤައުމުތަކަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު މާކެޓުތަކަކަށް ވީހިނދު، އެ ސަރަހައްދުގެ ނުތަނަވަސްކަމުގެ ސަބަބުން އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް ސަރުކާރުން ވަނީ މާކެޓިންގެ އައު އުކުޅުތަކާއި، އެހެން މާކެޓުތަކަށް އަމާޒުކޮށްގެން ކުރި މަސައްކަތުން މި ގެއްލުންތައް ކުޑަކޮށް، ފަތުރުވެރިން އަންނަ މިންވަރު ދަށްނުވެ ހިފަހައްޓާފައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,198,343 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 1,256,306 ފަތުރުވެރިންނާއި އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އުޅެނީ، 1.4 އިންސައްތައިގެ ދަށްވުމެއްގައެވެ.