ކުޅިވަރު

މެޗުން ބަލިވިއަސް، ކުޅުންތެރިން މަސައްކަތް ކުރި - ކޫޕްމަން


ޓީމުގެ ކުޅުންތެރިންގެ މަސައްކަތާއިމެދު އެއްވެސް ވަރަކަށް މާޔޫސްނުވާކަމަށާއި، ހުރިހާ ގޮތަކުންވެސް ސީރިއާ ފެނުނީ ވަރުގަދަކޮށްކަމަށް ޤައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެއާއި ސީރިއާ ވާދަކުރި މެޗުން ރާއްޖެ ބަލިވީ ހަތަރެއް ސުމަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނީ ކުޅުންތެރިން މެޗުގައި ކުރި ބުރަ މަސައްކަތާއިމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށާއި، ހުރިހާ ގޮތަކުންވެސް ސީރިއާ މާ ވަރުގަދަކަމަށެވެ. ކޫޕްމަން ބުނީ ހަގީގަތް އެންމެންވެސް ގަބޫލުކުރަންޖެހޭކަމަށާއި، ހަގީގަތަކީ މި ކޮލިފައިންއަށް ސީރިއާ ތައްޔާރުވެފައި އޮތް ފުރިހަމަކަންކަމަށެވެ. މިމެޗުން އެކަނިވެސް އެކަން ފެނިއްޖެކަމަށް އޭނާ ބުންޏެވެ.

ކޯޗު ކޫޕްމަން ބުނީ ދޮޅުމަސްދުވަހު މެޗެއް ނުކުޅެ ތިބި ކުޅުންތެރިން މި މެޗުގައި ދެއްކި ހިތްވަރު ވަރަށް ފުރިހަމަކަމަށާއި، ބޮޑު އަނިޔާއެއް ކުޅުންތެރިއަކަށް ނުވެ ނިންމާލެވުމަކީވެސް ލިބޭ ހިތްހަމަޖެހުމެއްކަމަށެވެ. ކޯޗުވަނީ ފިޓްނަސް ކޯޗުގެ މަސައްކަތާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ ފަލަމަސްގަނޑަށް އަނިޔާވެގެން ކުޅުންތެރިއަކު ނޫޅޭކަމަށާއި، ހަމައެކަނި ސަމޫހުގެ ކުޑަހުޅަށް ލިބުނު އަނިޔާ ފިޔަވައި އެއްވެސް ކުޅުންތެރިއަކަށް އަނިޔާއެއް ނުލިބުމަކީ ކުރިއަށް އޮތް ދެ މެޗާއި ކުރިމަތިލާއިރު ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

"އަހަރުމެން ހަގީގަތް ގަބޫލުކުރަންޖެހޭ. ހަގީގަތަކީ 9 ދުވަހުގެ ޕްރެކްޓިސްއަކުން މިވަރުގެ ޓީމެއް އަތުން މޮޅުވާން އުނދަގޫވާނެ. އެކަމަކު އަހަރެންގެ ކުޅުންތެރިން ވަރަށް މަސައްކަތްކުރި. އަހަރެން އިތުރަށް ބުނާނެ އެއްޗެއް ނެތް އެކަމާ. ސީރިއާ އޮތީ ހުރިހާ ގޮތަކުން ބެލިޔަސް މާބޮޑަށް ތައްޔާރުވެފައި. އެކަން މި ފެނުނީީ". ގައުމީ ކޯޗް ކޫޕްމަން ބުންޏެވެ.