ޚަބަރު

ތިމާވެއްޓަށް ލިބޭ ގެއްލުން އިޔާދަކުރުމަށް ވިސްނުމަށްވުރެ، އިސްކުރަންވީ ރައްކާތެރިކުރުމަށް: ރައީސް


ތިމާވެއްޓަށް ލިބޭ ގެއްލުން އިޢާދަކުރަން ތިބުމުގެ ވިސްނުމަށް ވުރެ، އިސްކުރަންޖެހޭނީ، އެ ނިޒާމަށް ގެއްލުމެއް ލިބުނަ ނުދީ ރައްކާތެރިކުރުމުގައި ދެމިތިބުމުގެ ވިސްނުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅަންވާނީ، ޤުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކުކަމުގައިވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚީޠާބުގައި ވިދާޅުވީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދު ބިނާވެފައިވަނީ ޤުދުރަތީ މާޙައުލަށްކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ގާތްގަނޑަކަށް 50000 މީހުން ވަޒީފާ އަދާކުރާކަމަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގައި 17000 އަށްވުރެ ގިނަ މީހުން މަސައްކަތްކުރާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި އެ ޞިނާޢަތްތަކުގެ ނަފާ ލިބެމުންދާނީ، އަދި ކުރިމަގުގެ ޖީލުތަކަށް މިޞިނާޢަތްތައް ފޯރުކޮށްދެވޭނީ، މާޙައުލީ ނިޒާމު ރައްކާތެރިކޮށް ޙިމާޔަތްކޮށްގެންކަމަށެވެ.

ތިމާވެށީގެ ރޮނގުން މިހާތަނަށް ކުރެވިފައިވާ ބައެއް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ، ރާއްޖޭގެ ޤުދުރަތީ ވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރާއްޖޭގެ ފަރުތަކުގެ 13 އިންސައްތަ ހިމެނޭ ގޮތަށް، 73 ސަރަޙައްދެއް މިހާރު ޙިމާޔަތްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު، ބ. އަތޮޅާއި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ލިބިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޤުދުރަތީ މުއްސަނދިކަމުން ފުރިފައިވާ އެފަދަ ސަރަޙައްދުތައް ޙިމާޔަތްކޮށް، އެތަންތަނުގެ ޠަބީޢީ ސިފަތައް ދެމެހެއްޓުމުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް ނުހަނު ގިނަ ފައިދާތައް ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" ރާއްޖޭގެ މާޙައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ޙިމާޔަތްކުރުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތްކުރަމުންނެވެ. އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ޙިމާޔަތްކުރުމުގެ ބައިނަލްއަޤްވާމީ މަސައްކަތުގައިވެސް ރާއްޖެ ވަނީ ބައިވެރިވެފައެވެ. ހަމައެފަދައިން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިޤްތިޞާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް މިއަންނަނީ ކުރަމުންނެވެ." ތިމާވެށީގެ ދުވަހުގައި ރައީސް ދެއްވި ޚިޠާބުގައިވެއެވެ.

މާޙައުލީ ނިޒާމަކީ، އެ ނިޒާމަށް ލިބޭ ކިތަންމެ ކުޑަ ގެއްލުމެއްވެސް އަލުން އިޢާދަކުރުމަށް، އެތައް އަހަރެއް ހޭދަވާ އަދި އެތައް ބުރަ މަސައްކަތެއް ކުރަންޖެހޭ ވަރަށް ނާޒުކު ނިޒާމެއްކަން ރައީސްގެ ޚިޠާބުގައި ހަނދާންކޮށްދެއްވިއެވެ. އަދި ބައެއް ބާވަތުގެ ގެއްލުންތަކަކީ އެއްގޮތަކަށްވެސް އިޢާދަ ނުކުރެވޭނެ ގެއްލުންތަކެއްކަމަށާއި، އެހެންކަމުން، ވެށީގެ ނިޒާމަށް ލިބޭ ގެއްލުން އިޢާދަކުރަން ތިބުމުގެ ވިސްނުމަށް ވުރެ، އަޅުގަނޑުމެން އިސްކުރަންޖެހޭނީ، އެ ނިޒާމަށް ގެއްލުމެއް ލިބުނަ ނުދީ ރައްކާތެރިކުރުމުގައި ދެމިތިބުމުގެ ވިސްނުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

" ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް، ރާއްޖެއިން ޖައްވަށް ދޫކުރަނީ ކިތަންމެ މަދުން ކަމުގައި ވިޔަސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމަކީ ރާއްޖެއެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖެ ކިތައްމެ ކުޑަކަމުގައި ވިޔަސް، މާޙައުލީ ނިޒާމު އިޢާދަކޮށް ރައްކާތެރިކުރުމުގައި، ރާއްޖެއަކީ، ބޮޑެތި ޤައުމުތަކަށްވުރެވެސް، ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމެކެވެ. ސަބަބަކީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ލިބޭ ގެއްލުންތައް، އަޅުގަނޑުމެންގެ ރަށްތަކަށާއި، އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، ޢާންމު ސިއްޙަތަށާއި ކާބޯތަކެތީގެ ޔަޤީންކަމަށް، އަދި ގޯތިގެދޮރަށްވެސް ކުރިމަތިވާތީއެވެ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ ތިމާވެއްޓަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތައިނުލެވުންކަމަށް ވިދާޅުވެފައެވެ. އަނެއް ކަމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް، ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި، އެބާވަތުގެ ޕްލާސްޓިކުން، ރާއްޖޭގެ ޤުދުރަތީ ދިރުންތަކުގެ ނިޒާމަށް ލިބޭ ގެއްލުންތައްކަމަށާއި، ހަމައެފަދައިން، ހަކަތަ އުފެއްދުމަށްޓަކައި ޑީސަލް އަންދަން ޖެހުމަކީވެސް، ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބުމުގެ އިތުރުން، ޞިއްޙަތަށް ކުރިމަތިވެފައިވާ ނުރައްކަލެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ މާޙައުލީ ނިޒާމަށް ގެއްލުން ލިބޭ މި މައްސަލަތައް ޙައްލުކުރުމަށް، ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ 8 ބާވަތެއްގެ އުފެއްދުންތައް އެތެރެކުރުން މިހާރު މަނާކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިތުރު ބާވަތްތައް މަނާކުރާ ވަގުތު ތާވަލެއް މިހާރު އިއުލާންކުރެވިފައިވާކަމަށާއި، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ޤާއިމުކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިތުރު ރަށްރަށުގައި މިނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށޭނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އ.ދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރަކީ "މާޙައުލީ ނިޒާމު އިޢާދަކުރުން" އެވެ. މާޙައުލީ ނިޒާމު އިޢާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާޙައުލީ ނިޒާމު، އަލުން އޭގެ ޠަބީޢީ ޙާލަތަށް އެނބުރި އިޢާދަކުރުމުގައި އެހީތެރިވުމެވެ. ހަމައެފަދައިން، ގެއްލުމެއް ނުލިބި ހުރި މާޙައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ޙިމާޔަތްކޮށް ރައްކައުތެރިކުރުމެވެ.