ކުޅިވަރު

ޔޫރަޕިއަން އަންޑަރ 21 ޗެމްޕިއަންޝިޕްގެ ފައިނަލަށް ޖަރުމަނުވިލާތް


ޔޫރަޕިއަން އަންޑަރ ޓުވެންޓީ ވަން ޗެމްޕިއަންޝިޕްގެ ފައިނަލުން ޖަރުމަނުވިލާތް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ޖަރުމަނުވިލާތް ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގެ ދެވަނަ މެޗްގައި ނެދަލަންޑްސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗް ޖަރުމަނުވިލާތް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވާދަކޮށް އެއްލަނޑު އެއްލަނޑުން އެއްވަރު ވެފައިވާ މިދެޓީމްގެ ރޭގެ ކުރިމަތިލުމުގައި ދެޓީމުންވެސްވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ނަމަވެސް ގްރޫޕް ސްޓޭޖްގެ މެޗާއި ހިލާފަށް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ އެއްވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ޖަރުމަނުވިލާތުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފްލޯރިއަން ވަރޓްޒްއެވެ. އަދި އޭގެ ހަތްމިނެޓް ފަހުން ވަރޓްޒްވަނީ އިތުރު ލަނޑެއް ޖަހައި މިމެޗްގައި ޖަރުމަނުވިލާތަށް 2 ލަނޑު ލީޑެއް ނަގައިދީފައެވެ. މިދެލަނޑާއެކު ޖަރުމަނުވިލާތް ހަމަޖެހިލިވިއިރު ނެދަލަންޑްސް އިތުރު ހާސްކަމެއްގެ ތެރެއަށް ވެއްޓިގެންދިޔައެވެ.

މިމެޗްގައި ނެދަލަންޑްސްއިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗްގެ 67 ވަނަ މިނެޓްގައި ޕަރ ޝަރސް ޖަހައިދިން ލަނޑުންނެވެ. ނަމަވެސް އެޓީމަށް މިމެޗްގައި އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ޖަރުމަނުވިލާތް މިވަނީ މުބާރާތުގެ ފައިނަލަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދަތުރުކޮށްފައެވެ. މިއަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ޖަރުމަނުވިލާތް ބައްދަލުކުރާނީ ރޭ ކުޅުނު ފުރަތަމަ ސެމީފައިނަލް މެޗް ކާމިޔާބުކުރި ޕޯޗުގަލްއާއެވެ.