ކުޅިވަރު

ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދައިފި


ޔޫރަޕިއަން އަންޑަރ ޓުވެންޓީ ވަން ޗެމްޕިއަންޝިޕްގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންއެވެ. މިގޮތުން މިމެޗްގައި ސްޕެެއިންއިންވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ހޯދާފައެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ޕޯޗުގަލްއިންވެސްވަނީ ރަނގަޅު ކުޅުމެއް ދައްކާ ސްޕެއިންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިމެޗްގައި ޕޯޗުގަލްއިން ޖެހި ހަމައެކަނި ލަނޑަކީ މެޗްގެ 80 ވަނަ މިނެޓްގައި ޕޯޗުގަލްގެ ފާބިއޯ ވިއެއިރާ ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ތިރި ތިރިން ހުރަސްކޮށްލި ބޯޅައެއް ސްޕެއިންގެ ހޯގޭ ކުއޭނާގެ ގައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑާއެކު މެޗްގެ ފަހު 10 މިނެޓާއި އިތުރުވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓްގައި ސްޕެއިންއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޕޯޗުގަލްއިން ހިތްވަރާއެކު ސްޕެއިން ހުއްޓުވުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީއެވެ.

މިކާމިޔާބީއާއެކު މިއަންނަ އާދީއްތަ ދުވަހު ކުޅޭ މި މުބާރާތުގެ ފައިނަލަށް ޕޯޗުގަލް މިވަނީ ދަތުރުކޮށްފައެވެ. ޕޯޗުގަލްއަކީ މިމުބާރާތް އަދި މިހާތަނަށް ކާމިޔާބު ކުރެވިފައިވާ ޓީމެއް ނޫނެވެ. 1994 ވަނަ އަހަރާއި 2015 ވަނަ އަހަރުގެ ފައިނަލްގައި ޕޯޗުގަލް ވާދަކުރި ނަމަވެސް އެދެފަހަރުވެސްވަނީ ފައިނަލުން ބަލިވެފައެވެ. ރޭގެ ނާކާމިޔާބީއާއެކު މި މުބާރާތް ހަވަނަ ފަހަރަށް ކާމިޔާބުކޮށް މި މުބާރާތުގެ އާ ރިކޯޑެއް ގާއިމް ކުރުމަށް ސްޕެއިން އަށް ލިބުނު ފުރުސަތު މިވަނީ މިމުބާރާތުގައި ގެއްލިގެން ގޮސްފައެެވެ. ސްޕެއިން އާއި އިޓަލީވިލާތުންވަނީ މިމުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.