ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް، ގުޅީފަޅާ ގުޅާލާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. މިމަސައްކަތް 55 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށްވަނީ ނިންމާފައެވެ. މިމަސައްކަތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭއާއި، ބްރިޖްގެ ކުރެހުންތައް ފައިނަލްކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިންދަނީ ކުރަމުންނެވެ. އަދި ބްރިޖްގެ ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ.
މިޕްރޮޖެކްޓާއެކު ގްރޭޓަރ މާލެ ސަރަޙައްދުން އެންމެ ބޮޑު ބަދަލެއް އަންނާނީ ގުޅިފަޅަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު، ވިޔަފާރީގެ ގޮތުންވެސް ގުޅިފަޅުވެގެންދާނީ ސަރަޙައްދުގެ އިޤްތިޞާދީ މައި ހަބަށެވެ. މިބޮޑު މަންޒަރު ގުޅެނީ ގްރޭޓަރ މާލެ ކަނެކްވިޓީ ބްރިޖް މަޝްރޫޢާއެވެ. ގުޅިފަޅާ ބްރިޖް ގުޅާލާ ސަރަޙައްދު ހިމެނޭހެން 6 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންވަނީ ކުރިއަށްގެންގޮސްފައެވެ.
ޕްލޭނިންގ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ގުޅީފަޅުން ބްރިޖް ގުޅާލާ ސަރަޙައްދު ބޮޑުހިލަ ޖަހައިގެން ޙިމާޔަތްކުރުމުގެ މަސައްކަތެވެ. މިމަސައްކަތަށް ބޭނުންވާ ސާމާނު މިހާރުވަނީ ގުޅީފަޅަށް ގެންގޮސް، ސައިޓުގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް 55 ދުވަސްތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަސައްކަތަށް 8.94މިލިއަން ރުފިޔާ ހޭދަވާނެއެވެ.
We have mobilized Gulhifalhu for additional works related to bridge landing point shore protection on 2nd June 2021. The project is valued at MVR 8.94 million. The project is to be completed within 55 days.#MTCCProjects pic.twitter.com/WhpBB4yWRB
— MTCC Plc (@MTCCPlc) June 3, 2021
ގުޅިފަޅު ތަރައްޤީކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް މިއަހަރުގެ ބަޖެޓުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެއެވެ.
ސަރުކާރުގެ ޢަމާޒަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ، ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއްގެގޮތުގައި މިބަނދަރު ހެދުމެވެ. އަދި މާލޭގައި މިޚިދުމަތް ދިނުމަށް އޮތް ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.
ޓްރާންޝިޕްމަންޓް ބަނދަރުގެ މަސައްކަތް ނިމުމުން ބަނދަރު ހިންގުމުގެ މަސައްކަތް ހަވާލުކުރާނީ މިހާރުވެސް މާލެ ވިޔަފާރި ބަނދަރު ހިންގަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއެވެ. މި ޕްރޮޖެކްޓާއެކު މާލޭގެ ބަނދަރުގެ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ. އަދި ވިޔަފާރިވެރިންނަށްވެސް އަވަސް ޚިދުމަތާއެކު އޭގެ ފަސޭހަތައް ލިބޭނެއެވެ.