އިތުރު ޚިދުމަތްތަކާއެކު ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލްގެ ޔުނިޓެއް ޤާއިމުކުރަން ނިންމައިފިއެވެ. ހުޅުމާލޭގެ އިތުރަށް ވިލިމާލޭގައިވެސް މިފަދަ ޔުނިޓެއް ހެދުމަށް ކައުންސިލުންވަނީ ނިންމާފައެވެ.
ހުޅުމާލޭގެ މަސައްކަތްތަކަށް ޔުނިޓް ހަމަޖެއްސުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރ މުޙައްމަދު މުޢިއްޒުއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙުމަދުއެވެ.
ސިޓީ ކައުންސިލްގެ އާ އޮފީސް ޔުނިޓް ހަމަޖައްސާފައިވަނީ، އިދާރީ އޮފީސް މަސައްކަތަށް ހުޅުމާލެ އަމީން އެވެނިއުއިން ދޫކުރާ ޔުނިޓްތަކުންނެވެ. މި މަސައްކަތުގެ ސަބަބުން އަލަށް އެކުލަވާލި ލާމަރުކަޒީ ޤާނޫނުން، ކައުންސިލްތަކަށް މަތިކުރާ ކަންކަން، ކައުންސިލާ އެޗްޑީސީ ގުޅިގެން ކުރިއަށްގެންދިއުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއްވައެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ އާ އޮފީހާއެކު ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލްގެ އިތުރު ޚިދުމަތްތައް ފުޅާކުރާނެކަމަށެވެ. މިއީ ހުޅުމާލޭގެ ރައްޔިތުންނަށް މާލެ ނައިސް، ހުޅުމާލޭގައި ތިބެގެން އަވަސްކަމާއި ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ކައުންސިލުން މިހާރު އެންމެ އިސްކަމެއްގެ ގޮތުގައި ހުޅުމާލޭގައި ފެށުމަށް ތައްޔާރުވަމުންދާ ޚިދުމަތަކީ ކައުންސިލުންދޭ ވައިޓަލް ޚިދުމަތްތައް ހުޅުމާލެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. އެގޮތުން އުފަންވާ ކުދިންނާ، ނިޔާވާ މީހުންގެ ރެޖިސްޓްރޭޝަން މަސައްކަތްތަކާއި ރަށްވެހިކަމާގުޅޭ މަސައްކަތްތައްވެސް ސީދާ ހުޅުމާލެއިން ކުރެވޭގޮތް ހަމަޖައްސާނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އޮފީސް ޔުނިޓްގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ޚިދުމަތް ހުޅުމާލެއިން ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ހުޅުމާލެއެކޭ އެއްގޮތަށް މާލެ ނައިސް ވިލިމާލެއިން މި ޚިދުމަތްތައް ލިބޭނެ ޔުނިޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. ކައުންސިލުން ވިދާޅުވީ ވިލިމާލޭގައިވެސް މިކަމަށް ބޭނުންވާ ކަންކަން ހަމަޖައްސާ، ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ މައި އޮފީހުން ލިބޭ އިތުރު ޚިދުމަތްތައްވެސް ހުޅުމާލެއާއި ވިލިމާލެއިން ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.