ޚަބަރު

މިޝްކާގެ މަރުގެ ތަހުޤީގު މިރޭ ނިމޭނެ - ހެލްތް މިނިސްޓަރ


ފަރުވާ ދެވުން ލަސްވެގެން ރޭގެ ވަގުތެއްގައި ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު މިރޭ ނިމެނޭކަމަށް ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރޭ ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންކަމަށް އައިލާއިން ވަނީ ބުނެފައެވެ. އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ ރޭ 9:00 ޖެހިއިރު ކަމަށާއި ނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންކަމަށް އާއިލާއިން ބުނެއެވެ. އަދި އެމްބިއުލާންސް ލަސްވުމުން އެޗްޕީއޭގެ އިތުރުން އައިޖީއެމްއެޗްގެ އެމްބިއުލެންސަށް ވެސް ގުޅިކަމަށް މިޝްކާގެ އާއިލާއިން ބުނެއެވެ. އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވުމުން އާއިލާއެކު ކަރަންޓީނުގައި ހުރި މިޝްކާ ހާލަތު ގޯސްވެ ފަރުވާދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދިޔަކަމަށެވެ. އަދި މިކަމުގެ ސަބަބަުން އެ ކުއްޖާގެ ހާލު ސީރިއަސްވެސް އެ ތުއްތު ކުއްޖާ ނިޔާވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަން މިނިސްޓަރ ނަސީމު ފާހަގަކުރެއްވިއެވެ. މި މައްސަލައިގެ ތަހުޤީގު މިރޭ ނިންމާ އެކަމުގައި އިހްމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅުއްވާބެކަމަުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ. އަދި އެކަމުގެ ރިޕޯޓްތައް ބަލާ ސިދާ މިނިސްޓަރުގެ އަމިއްލަފުޅު އިހުމާލެއް އޮތްތޯވެސް ބައްލަވާނެކަމަށް ނަސީމް ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ގްރޭޑް 7ގައި ތައުލީމް ހާސިލްކުރަމުންދިޔަ ހުނަރުވެރި ދަރިވަރު ފާތިމަތު މިޝްކާ މުހައްމަދަކީ މިބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. 2018ވަނަ އަހަރު ޢިމާދުއްދީން ސްކޫލާއި ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ އެކި ވަނަ ހޯދާ ހުނަރުވެރި ދަރިވަރެކެވެ. ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައިތަކުގައި މަދަހައާއި ޅެން ހުށައެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުންވެސް މިޝްކާ ވަނީ ފަޚުރުވެރި ވަނަތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ޢިމާދުއްދީން ސްކޫލްގައި އޮންލައިންކޮށް ބޭއްވި، "ސްޓޯރީ ޓެލިން" އަދި "ކްރިއޭޓިވް ރައިޓިންގ" އިންވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މިޝްކާ ވަނީ ހިމެނިފައެވެ.