ޚަބަރު

ކޯވިޑް-19 : އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު މެނދުރުފަހު 2:35 ހާއިރު ނިޔާވެފައިވަނީ އުމުރުން 84 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިމީހާއާއެކު ރާއްޖެއިން ކޯވިޑް ބަލި ޖެހުނު މީހުންގެ އަދަދުވަނީ 171އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 155 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކޯވިޑްގެ ނުރައްކާ ބޮޑުވެ ރާއްޖެއިން މިބަލީގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖަކުވަނީ ނިޔާވެފައެވެ. އުމުރުން 10 އަހަރުގެ މިކުއްޖާ ނިޔާވެފައިވަނީ ރޭ 12:10ހާއިރުއެވެ. އެކުއްޖާ ނިޔާވެފައިވަނީ ހާލު ބޮޑުވެގެން އައިޖީއެމްއެޗަށް ގެންގޮސް އިމަރޖެންސީގައި ފަރުވާދެމުން އަންނަނިކޮށެވެ. ކޯވިޑް ބަލީގައި ހާލު ދެރަވުމުގެ ސަބަބުން އުމުރުން 7 އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް ބަލީގައި މި ޖޫންމަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 8 މީހުންވަނީ ނިޔާވެފައެވެ. އަދި މިދިޔަ މެއިމަހަކީ ކޯވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑުވެ މިބައްޔަށް ގިނަ މީހުން ޕޮޒިޓިވްވެ މިބަލީގައި އެންމެ ގިނަ މީހުން ނިޔާވެފައިވާ މަހެވެ. މެއިމަހު 34516 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު މޭމަހު އެކަނި 88 މީހުން ވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ..