ޚަބަރު

ކޯވިޑް-19 : 768 މީހަކަށް ބަލިޖެހި 834 މީހަކު މިއަދު ބަލިން ރަނގަޅުވެއްޖެ


ކޯވިޑް-19އަށް ރާއްޖެއިން އަލަށް 768 މީހަކު ޕޮޒިޓިވްވެއްޖެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މިބަލިން 834 މީހަކުވަނީ ރަނގަޅުވެފައެވެ.

ކޯވިޑް-19އާއި ގުޅޭގޮތުން އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހޯމަ ދުވަހުގެ އިރުއޮއްސި 6އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް 768 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 373 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވެފައިވާ 357 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 8 މީހެއްގެ އިތުރުން އަލަށް ހަދަމުން އަންނަ ރަށްރަށުން ޕޮޒިޓިވްވި 15 މީހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 65164އަށް އަރާފައެވެ.


މިބަލިން ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ރަނގަޅުވި 834 މީހުންނާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 40951އަށް އަރާފައެވެ.

ކޯވިޑްގައި މިއަދުގެ މިހާތަނަށް 8 މީހަކު ނިޔާވެފައިވާއިރު މިބަލީގައި ނިޔާވި މީހުންގެ ޖުމްލަވަނީ 169އަކަށް އަރާފައެވެ.
މީގެ ތެރޭގައި ހިމެނެނީ 153 ދިވެހިންނާއި 16 ބިދޭސީންނެވެ