ޚަބަރު

ކޯވިޑް-19 : އައިސީޔޫގައި 18މީހުން، 11މީހުން ވެންޓިލޭޓަރުގައި


ރާއްޖެ މިހާރު އޮތް ޙާލަތަކީ ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު މިހާތަނަށް އެންމެ ގޯސް ހާލަތެވެ. ބަލީގައި ގިނަ ބަޔަކު އެޑްމިޓްކުރަން ޖެހުމާއި ޙާލަތު އިތުރަށް ގޯސްވެ ބަލީގައި ނިޔާވާ މީހުންގެ ޢަދަދުވެސްވަނީ އެތަށް ގުނައެއް އިތުރުވެފައެވެ. މެއި މަސް ފެށުނުއިރު ބަލީގައި ނިޔާވި މީހުންގެ އަދަދުހުރީ 50 ގައެވެ. ނަމަވެސް އެމަސް ނިމުނުއިރު ނިޔާވި މީހުންގެ ޢަދަދު ހުރީ 160އިން މަތީގައެވެ. މިވަގުތުވެސް ކޯވިޑް-19ގައި ޙާލު ސީރިއަސްވެގެން އައިސީޔޫގައި ގިނަ ބަޔަކަށް އަންނަނީ ފަރުވާދެމުންނެވެ.

މިހާތަނަށް ރާއްޖޭގައި 64،000އަށްވުރެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. މިވަގުތު ބަލި ޖެހިފަތިބި މީހުން ނުވަތަ އެކްޓިވް ކޭސްތަކުގެ ޢަދަދުވެސް އުޅެނީ 24،000އިން މަތީގައެވެ. ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާވަރަކަށް ބަލީގަ ކޮންމެހެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދާއި ބަލީގަ ބޮޑުވަރުވާ މީހުންވެސް އިތުރުވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ)އިން ހާމަކުރައްވާގޮތުގައި މެއި މަހުގެ 29ވަނަ ދުވަހުގެ އިރުއޮއްސި 06:00އިންފެށިގެން 30ވަނަ ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ކޯވިޑްގެ ބަލީގައި 218 މީހުންނަށް ފަރުވާދެމުން އައީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މީގެތެރެއިން 138 މީހުންނަށް ފަރުވާދެމުން އަންނީ ހުޅުމާލޭގައި ހުންނަ ކޯވިޑް މެޑިކަލް ފެސިލިޓީގައެވެ. އެފެސިލިޓީގައި 128 މީހުންނަށް ވޯޑުގައި ފަރުވާދެމުން އަންނައިރު، 10 މީހުންނަށް ފަރުވާދެނީ އައިސީޔޫގައެވެ. އެޗްއީއޯސީން ވިދާޅުވީ އައިސީޔޫގައި ފަރުވާދޭ 10 މީހުންގެ ތެރެއިން 4 މީހަކަށް މިހާރު ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ކޯވިޑް ބަލިމީހުންނަށް ޚާއްސަކޮށްފައިވާ އައިސީޔޫގައި 8މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 7މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ. މިވަގުތު ވެންޓިލޭޓަރުގެ އެހީގައި ޖުމްލަ 11މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އައިސީޔޫގައި އެޑްމިޓްކޮށްފައިވާ 18މީހުންގެ ނިސްބަތުން ބަލާއިރު %60 މީހުނަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައެވެ. އެއީ 11 މީހުންނެވެ.

ބަލީގެ ޙާލަތު ގޯސްވެފައިވާއިރު އުމުރުން ހަގު މީހުންނަށްވެސް މިހާރު އައިސީޔޫގައި ފަރުވާ ދޭންޖެހޭކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ކޯވިޑް-19ޖެހި އުމުރުން ވެންޓިލޭޓަރުގަ ފަރުވާދެމުން އަންނަ ޢުމުރުން 7 އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސްކަމަށް އެޗްއީއޯސީން ހާމަކުރައްވައެވެ.

މީގެއިތުރަށް ދަރުމަވަންތަ ހޮސްޕިޓަލްގެ 17ވަނަ ފަންގިފިލާގައި ވޯޑުގައި 9 މީހުންނާއި 16ވަނަ ފަންގިފިލާގައި 5މީހުން އަދި ހިޔަލަ ވިންގް ވޯޑްގައި 2މީހުންނާއި ޕްރައިވެޓް ރޫމުގައި އެޑްމިޓްކޮށްގެން 5 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

އަތޮޅުތަކުގައިހުރި ކޯވިޑް ފެސިލިޓީތަކުގައިވެސް 30 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ ށ.ފުނަދޫ ފެސިލިޓީގައި 13 މީހުން، ބ.އޭދަފުށީ ފެސިލިޓީގައި 6 މީހުން، ގއ.ވިލިނގިލީ ފެސިލިޓީގަ 4 މީހުން، ގދ.ތިނަދޫ ފެސިލިޓީގައި 3 މީހުން، ލ.ގަމު ފެސިލިޓީގައި 3 މީހުން އަދި ފުވައްމުލަކު ފެސިލިޓީގައި އެކަކެވެ.

ވޭތުވެދިޔަ 24 ގަޑިއިއިރުގެ ތެރޭގައިވެސް 710 މީހުންވަނީ ބައްޔަށް އަލަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގަ ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 488 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 202 މީހުންނާއި ހަދަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވީ 15 މީހުނާއި ޚިދުމަތްދޭ ރިސޯޓްތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 64،396އަށް އަރާފައެވެ. މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދަކީ 24،109އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 803 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 40،117އަށް އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5،310 މީހަކު ވަނީ މިބައްޔަށް ޓެސްޓުކޮށްފައެވެ.