ކުޅިވަރު

ކްރިކެޓް ކޯޗުންގެ އިނާޔަތް އިތުރުކުރަނީ


ރާއްޖޭގައި ކްރިކެޓް ތަރައްގީ ކުރުމަށް 15 ކޯޗެއްގެ އެއްބަސްވުން އާކޮށްފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޗިން އެއްބަސްވުން އާ ކޮށްފައިވާ ކޯޗުންނަކީ ކްރިކެޓްގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކުގައި މަސައްކަތްކުރާ ކޯޗުންކަމަށެވެ.

ކްރިކެޓް ބޯޑުން އަލަށް އުކުލަވާލައިވާ ޑިވެލޮޕްމަންޓް ޕްރޮގަރާމްގެ ދަށުން މާލެއަށް 9 ކޯޗުން، ޏ. ފުވައްމުލަކަށް 5 ކޯޗުން އަދި ލ.ކުނަހަންދޫއަށް 2 ކޯޗުން ހަމަޖެހިގެންދާނެއެވެ. ކްރިކެޓް ބޯޑު ހިންގުމާ އާ އެގްޒެކެޓިވް ބޯޑުން ހަވާލުވުމަށް ފަހު ކްރިކެޓް ތަރައްޤީ ކުރުމަށް ހިންގޭ ޕްރޮގްރާމްތައް ދިރާސާކޮށް، މި ޕްރޮގްރާމް ހަރުދަނާކޮށް ނަތީޖާ ނެރެވޭނެފަދަ ޕްރޮގްރާމްތަކަކަށް ހެދުމަށް ގެންނަޖެހޭ ބަދަލުތަކާ ގުޅޭކަންކަން މިހާރުވަނީ ނިންމާފައެވެ. ކްރިކެޓް ބޯޑުން މަސައްކަތްކުރަމުން ގެންދަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަނެވި، ލުއިތައް ލިބުނުހާ އަވަހަކަށް ވައި.ޑީ.ޕީ ހަރަކާތްތައް ފެށުމަށެވެ. އަދި، ވައިޑީޕީ ޕްރޮގްރާމް ފަށާނީ އާ ބަދަލުތަކާއެކުއެވެ.

ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ މި ދަނޑިވަޅަކީ، ކްރިކެޓް ބޯޑަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަމަށާއި ކްރިކެޓް ކުރިއެރުވުމަށްޓަކައި މިހާތަނަށްވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކޯޗުން ތިބުމާއި، އަލަށް ފެށުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ހުރުމާއެކު، މިވަގުތު ކޯޗުންގެ ކޮންޓްރެކްޓްތައް އާކުރަން ނިންމާ އެމަސައްކަތް ފެށީކަމަށް ފައިސަލް ވިދާޅުވިއެވެ.

އަލަށް ހަދާފައިވާ ކޮންޓްރެކްޓްތައް ހަދާފައިވަނީ ކޯޗުންނަށް ލިބޭ އިނާޔަތްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކުގެ އިތުރުން ޕްރޮގްރާމްތައް ހިންގާ މިންވަރަށް ބަލާ އިނާޔަތްތައް އިތުރުވާނެ ގޮތަށެވެ. މިގޮތަށް ހަމަޖެހުމުން، ހުރިހާ ފަންތީގެ ކޯޗުންގެ މުސާރަވެސް ކުރިއަށް ވުރެ ބޮޑުވާނެއެވެ. މީގެ އިތުރުން އަންހެން ކްރިކެޓް ކުރިއެރުވުމަށް ފަށާ މަސައްކަތުގެ ތެރެއިން އަލަށް ކޮންޓްރެކްޓް ހަދާ އިރު ކޮންމެ ކޯޗަކަށްވެސް މަދުވެގެން އެއް އަންހެން ސްކޮޑް ހަވާލުކުރެވޭނެކަމަށް ކްރިކެޓް ބޯޑުން ހާމަކުރެއެވެ.

ކްރިކެޓް ބޯޑުން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާ ފެންނާނީ ބޯޑާ، ކޯޗުންނާ ގުޅިގެން ކުރެވޭ މަސައްކަތުންކަމަށާއި ކޯޗުންނާ ބޯޑާއި ދޭތެރޭ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ވަރަށް ބޮޑު މަޤްސަދެއްކަމަށްވެސް ސީބީއެމްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވިއެވެ. އަދި މިއާއެކު ކޯޗުންނަށް ދެވޭ މުސާރަޔާ، އެހެނިހެން އިނާޔަތްތައް އިތުރުކުރުމަކީ ބޯޑުން ވަރަށް އިސްކަމެއްދޭ ކަމެއްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ކްރިކެޓް ބޯޑުގެ ނައިބް ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ފައިސަލް އެ އެސޯސިއޭޝަންގެ ރައީސަކަށް އިންތިޚާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. ދުރުރާސްތާ އާއި ކައިރި މުސްތަގުބަލުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކުރަން ފައިސަލް ވަނީ ޕްލޭނެއް އެކުލަވާލައިފައެވެ. އޭގެ ތެރެއިން ރާއްޖޭގެ ކްރިކެޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި އެ ނޫން ވެސް ކްރިކެޓާ ގުޅޭ މުހިއްމު ކަންކަންއެނގޭނެހެން ސީބީއެމް އިން މޯލްޑިވްސް ކްރިކެޓް އެޕް ލޯންޗް ކޮށް، ވައިޑީޕީ ޕްލޭން ހަރުދަނާކޮށް އިއުލާނުކޮށްފައިވެއެވެ.