ޚަބަރު

ފްލައިން ސްކޫލާމެދު އަޅާނެ ފިޔަވަޅުތައް ބަންޑާރަ ނައިބު ސާފުކޮށްދެއްވައިފި


އޭޝިއަން އެކަޑަމީ އޮފް އެއިރޯނޯޓިކްސްގެ ދަށުން އައްޑޫ ސިޓީގައި ހިންގާ ފްލައިން ސުކޫލުގައި ކިޔަވާ ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދަރިވަރުން އަމިއްލައަށް ކޯޓަށް ދިނުމަށް ބަންޑާރަ ނާއިބު ލަފާ ދެއްވައިފިއެވެ.

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސުކޫލާމެދު، އެޅިދާނެ ޤާނޫނީ ފިޔަވަޅުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް، ބަންޑާރަ ނާއިބު އިއްޔެ ވަނީ ފޮނުއްވާފައެވެ.

އައްޑޫ ފްލައިން ސްކޫލުގައި ގިނަ މައްސަލަތަކެއް ހުރިކަން ދަރިވަރުން އަންނަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. އެގޮތުން ބޮޑު ޢަދަދެއްގެ ފައިސާ ދައްކައިގެން ކިޔެވުން ނުނިމި އެތައް ދަރިވަރުންނެއް އެބަތިއްބެވެ. މިގޮތުން ގާތްގަނޑަކަށް ސާޅީސް ފަސް ހާހެއްހާ ޑޮލަރު ދައްކައިގެން 18 މަސް ދުވަހުން ކޯސް ފުރިހަމަކުރުމަށް 170 އަށްވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ. އަދި އެދަރިވަރުންގެ ހުރުމާއި ކެއުމާއެކު ބޮޑު ޚަރަދުތަކެއް ހިނގަމުން އަންނަކަން ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުންވެސް ގިނަ މައްސަލަތަކެއް ފްލައިން ސްކޫލުގައި ހުރިކަމަށް ދަރިވަރުން ބުނެއެވެ. އެގޮތުން ދިވެހި ދަރިވަރުންނަށް އުދުހުމަށް ފުރުޞަތު ނުލިބުމާއި، އުދުހުމަށް ގެންގުޅޭ ބޯޓުތައް ހަލާކުވެފައިހުރުންވެސް ދަރިވަރުން ފާހަގަކުރެއެވެ. އެހެންކަމުން ކޯސް ފުރިހަމަކުރެވޭނެ ދުވަހެއްވެސް ނޭނގޭކަމަށް ދަރިވަރުން ބުންޏެވެ.

ފްލައިން ސްކޫލުގައި ގިނަ މައްސަލަތަކެއް ހުރުމާއެކު ސަރުކާރުން ވަނީ އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. މިގޮތުން ފްލައިން ސްކޫލުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ ޤާނޫނީ ކަންކަން ބަންޑާރަ ނާއިބު ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް، އަންގަވާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ފްލައިން ސްކޫލް ގޮވައިގެން ސަރުކާރުން ކޯޓަށް ދިއުމުގެ ބަދަލުގައި، ދަރިވަރުން އެ ސްކޫލް ގޮވައިގެން ކޯޓަށް ދިއުމަށް ބާރު އަޅުއްވާކަމަށް ބަންޑާރަ ނާއިބު ލަފާދެއްވާފައިވާކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަންޑާރަ ނާއިބު ދެއްވާފައިވާ ލަފަޔާއި ގުޅޭގޮތުން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، ބަންޑާރަ ނާއިބު ދެއްވި ލަފާގައި އެމިނިޓްރީން ބޭނުންވާ ބައެއް މަޢުލޫމާތުތައް ނެތުމުގެ ސަބަބުން، މިއަދު އަލުން ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދި ފޮނުވާފައިވާކަމަށެވެ.

އައްޑޫ ފްލައިން ސްކޫލުގައި މިހާތަނަށް ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާއިރު ބައެއް ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ. އެގޮތުން ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަޤާމުގައި ހުރި ސުރަންޖަން ޑި.ސިލްވާ، އެމަޤާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ މިހާރު ވަނީ އަތުލާފައެވެ. އަދި ފްލައިން ސްކޫލްގެ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަޤާމުގައި ހުރި ޢަލީ އަކުބަރު ޖީވަންޖީ، އެ މަޤާމުގައި ހުރުުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުންދީފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް ވަނީ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުން އަންނާތީ އެލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ. ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. މިދަރިވަރުންގެ ފީގެ މައްސަލަ ބޮޑުވެފައިވާއިރު ކުދިން ކިޔެވުމަށް ނަގާފައިވާ ލޯނު ދައްކަންޖެހޭ މުއްދަތުވެސް ސަރުކާރުންވަނީ މީގެކުރިން އިތުރުކޮށްދެއްވާފައެވެ.

އައްޑޫ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޤައުމީ އެއަރލައިން ހިންގާ މޯލްޑިވިއަނުން ވަނީ ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާންކޮށްފައެވެ.