ޚަބަރު

ކޮލިފައިން މެޗުތައް ފަސްކުރުން ގާތް، މެޗުތައް ދުބާއީގައި ކުޅުމާމެދު މަޝްވަރާކުރަނީ!


ވަރލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ޗައިނާގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް ފަސްކުރަން ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސެންޓަރަލައިޒްކޮށް ޗައިނާގައި ކުޅެން ހަމަޖެހިފައި އޮތް ކޮލިފައިންގައި ރާއްޖެ އަންނަ މަހުގެ 3ވަނަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން ހަތެއްގައި ސޫރީއާއާ ދެކޮޅަށް ނުކުންނައިރު ގްރޫޕްގެ ފަހު މެޗުގައި ޖޫން 15ގައި ނުކުންނާނީ ގުއާމާ ދެކޮޅަށެވެ. ނަމަވެސް ޗައިނާއަށް ދަތުރުކުރުމުގައި ހުރި ހުރަސްތަކުގެ ސަބަބުން މި މެޗުތައް ޗައިނާގައި ކުޅެވޭނެކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދިލް ޖަލީލް ވިދާޅުވީ ކޮލިފައިން މެޗުތައް ކުރިއަށްދާނެ ގޮތަކާ ގުޅޭގޮތުން 5 ޤައުމުންވެސް އޭއެފްސީއާއެކު މަޝްވަރާކުރަމުން އަންނަކަމަށާ، މެޗުތައް ފަސްކުރަން ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އޭނާ ވިދާޅުވީ ޗައިނާގެ ކަމާބެހޭ އިދާރާތަކުގެ ނިންމުންތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ފިލިޕީންސްއާއި ސޫރިއާއަށްވެސް ޗައިނާއަށް ދިޔުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. ކޮލިފައިން މެޗުތައް ޖޫން 3ގައި ކުޅޭއިރު މި 3 ޤައުމަށް ޗައިނާއަށް ނުދެވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެއްޖެނަމަ މެޗުތައް ފަސްކުރުން ގާތްކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މަޝްވަރާތަކުގައި މެޗުތައް ކުޅޭނެ ތަނަކާއި ގުޅޭގޮތުންވެސް ހުށަހެޅުންތަކެއް އޭއެފްސީއަށް ލިބިފައިވާކަމަށެވެ. އަދި ކޮލިފަިއިން މެޗުތައް ދުބާއީގައި ކުޅުމުގެ ފުރުސަތުވެސް އެބަައޮތްކަމަށް ވިދާޅުވިއެވެ. ސަބަބަކީ ދުބާއީގައި މިވަގުތު ދިވެހިރާއްޖެއާއި ސޫރިއާއާއި ފިލިޕީންސްވެސްގެ ޓީމުތައް އޮތުމުގެ އިތުރުން ޗައިނާއާއި ގުއާމަށް ދުބާއީއަށް އައުމުގައި ހުރަސްތަކެއް ކުރިމަތިވާނެކަމަށް ނުބެލެވޭތީއެވެ.

"މިހާރު ކަންތައްތައް އޮތް ގޮތުން މެޗުތައް ފަސްކުރުމުގެ ޗާންސްވެސް އެބައޮތް. އަނެއްކޮޅުން ޗައިނާގައި މެޗުތައް ނުކުޅެވޭނެހެން ހީވަނީ، މިކަމާއި ގުޅޭ މަޝްވަރާތައްދަނީ ކުރިއަށް. އެކި ގައުމުތަކުން ބޭނުންވާ ގޮތް އޭއެފްސީއަށްވަނީ އަންގާފައި. މާދަމާ ފައިނަލް ވާނެހެން ހީވަނީ". އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވިއެވެ.

ވަރލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންއަށް ތައްޔާރުވުމަށްޓަކައި ޤައުމީ ޓީމް ދުބާއީގައި ކޭމްޕްކޮށްފައިވަނީ މިމަހުގެ 23ވަނަ ދުވަހުގައެވެ. ތަމްރީން ކޭމްޕަށްފަހު ޓީމް ޗައިނާއަށް ފުރުމަށް ހަމަޖެހިފައި އޮތީ މިއަދެވެ. އެހެންނަމަވެސް ޗައީނާއަށް ދަތުރުކުރުމުގެ ހުއްދަ ނުލިބޭތީ ދިވެހިޓީމްގެ ކުޅުންތެރިން އަދިވެސް ތިބީ ދުބާއީގައި މަޑުކޮށްގެންނެވެ.