ޚަބަރު

އޮންލައިންކޮށް ކިޔަވާ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން އިމްތިހާން ހަދަން ނުޖެހޭ: މިނިސްޓަރ


އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދާ ސްކޫލްތަކުގައި ދަރިވަރުން ސްކޫލަށް ހާޒިރުވެގެން އިމްތިހާން ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. މިކަން ހާމަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މޮނިޓަރިންގެ ހާލަތްތަކުގައި އޮތް ރަށްތަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ ފަހު އިމްތިހާންގެ ގޮތުގައި ކުރިއަށްދާނީ ޓީޗަރ ބޭސްޑް އެސެސްމަންޓްކަމަށެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް މޮނިޓަރިންގެ ހާލަތްތަކުގައި ނެތް ރަށްތަކުގެ ސްކޫލްތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން އިމްތިހާން ކުރިއަށް ގެންދާނެކަމަށެވެ.

މިހާރު އޮންނަ ގޮތުންނަމަ އިމްތިހާން ދެނީ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ސްކޫލަށް ހާޒިރުވެގެން ދަރިވަރުންނަށް ޓެސްޓް ނުހެދުނަސް ޓީޗަރ ބޭސްޑް އެސެސްމަންޓެއް ދިނުމުގެ ބޭނުމަކީ ދަރިވަރުންގެ ފެންވަރު ދެނެގަނެ ދަރިވަރުންނަށް ދޭންޖެހޭ ސަޕޯޓް ފޯރުކޮށްދިނުންކަމަށެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި ކަރަންޓީންގައި ތިބޭ ދަރިވަރުންނަށް ސްކޫލުގެ ފަހު އިމްތިހާނު ނުހެދުނު ނަމަވެސް އެސެސްމަންޓް ޕޮލިސީއާ އެއްގޮތަށް އެ ކުދިންގެ ފެންވަރު ބެލުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޯވިޑް ޖެހިފަައިވާ ކުދިން އެހެން ކުދިންނާއެކު ސްކޫލަށް ގެނައުމަކީ ނުރައްކާތެރި ކަމެއް ކަމަށާ އެގޮތަށް އެކަންކުރަން ބޭނުންނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އޯލެވެލް އާއި އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ އަދި ކަރަންޓީންގައި ތިބި ދަރިވަރުންނަށް ޚާއްސަ ގޮތްތަކެއް ހަމަޖައްސައިދިނީ އެ އިމްތިހާނު އެ ކުދިންނަށް ހުރިހާ ގޮތަކުންވެސް މުހިންމުވާތީ ކަމަށެވެ. ނަމަވެސް ސްކޫލުގެ އިމްތިހާނެއްގައި އެ ރިސްކު ނަގައިގެން ކުދިން ބައިވެރިކުރަން ބޭނުން ނުވާ ކަމަށެވެ.

"ނަމަވެސް މިކުދިންނަކަށް ގެއްލުމެއް ނުވާނެ. އެކުދިންނަށް އަޅުގަނޑުމެންގެ އެސެސްމަންޓް ޕޮލިސީއާއި އެއްގޮތަށް އެކުދިންގެ ފެންވަރު ބެލުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ. މި ހާލަތުގައި އަޅުގަނޑުމެންނަށް އެހާ މުހިންމެއް ނޫން ކުއްޖާއަށް އެ ދެވޭ ޕޭޕަރެއް. އަޅުގަނޑުމެން ބޭނުންވަނީ ކުއްޖާ ރަނގަޅު މެންޓަލް ހެލްތު ސްޓޭޓަސްއެއްގައި ހުރެ އެ ކުއްޖާ މިހާރު އެ ހުރި ފެންވަރު ބެލޭނެ ގޮތެއް. އެކަން ކުރެވޭނެ އިންތިޒާމު އަޅުގަނޑުމެން ހުންނާނީ ހަަމަޖައްސާފައި." އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލެ ސަރަޙައްދުގެ ސްކޫލްތައް ބަންދުކޮށް އަންނަނީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ. އަދި މިހާރުވެސް މޮނިޓަރިންގެ ހާލަތްތަކުގައި އޮތް 73 ރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް އަންނަނީ އޮންލައިންކޮށް ކިޔަވައިދެމުންނެވެ.