ޚަބަރު

ރަހީނުކުރި ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ހާލު ސީރިއަސް


ކުޅުދުށްފުށީގައި ރަހީނުކޮށް އަނިޔާކުރި ޒުވާނަކަށް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭ 20:48 އެހާކަންހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔަކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާކަމަށެވެ. އަދި މި ޒުވާނާ ރަހީނުކޮށްގެން ގެންދިޔުމަށްފަހު އަނިޔާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަދި މި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ މި ޒުވާނާ ހޮސްޕިޓަލަށް އެތަނުގެ އެމްބިއުލާންސްގައި ގެނައީ ރޭ 09:40 އެހާކަންހާއިރު ކަމަށެވެ. އަދި މި ޒުވާނާގެ ބޮޅުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުންޑިއަށް ލޭ އަރާފައިވާކަމަށާާއި އެނާގެ ހާލު ވަރަށް ސީރިއަސްކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މިއަދު މެންދުރު 13:30 އެހާކަންހާއިރު ހަނިމާދޫ މަގުން މި ޒުވާނާ މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ކުޅުދުށްފުސީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މި ޒުވާނާ ރަހީނުކޮށް އަނިޔާކުރުމަށްފަހު ހެދި ގޮތެއް އަދި ސާފެއް ނުވެއެވެ. މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.