ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގެ 65 އިންސައްތަ މުވައްޒަފުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި


ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 65 އިންސައްތަ މުވައްޒަފުން ކޯވިޑް19 ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއިއެކު ރާއްޖޭގެ ފަތުރުވެރިކަން ފަށައިގެން ކުރިއަށްދާތާ 10 މަސްދުވަސް ވެފައިވާކަމަށެވެ. މިއާއިއެކު ރާއްޖެއަކީ މިވަގުތު ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލްކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލްގެ ސޭފްޓީ ސްޓޭންޕް ރާއްޖެއަށް ކޯވިޑް ވެކްސިން ޖަހަން ފެށުމުގެ ކުރިންވެސް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ވިދާޅުވީ، ކޯވިޑް19 ގެ ފުރަތަމަ ޑޯޒް މިހާތަނަށް 95 އިންސައްތަ މުވައްޒަފުން ފުރިހަމަ ކޮށްފައިވާކަމަށެވެ. އަދި 2 ވަނަ ޑޯޒް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 65 އިންސައްތަ މުވައްޒަފުން ފުރިހަމަކޮށްފައިވާކަމަށެވެ. މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ މުޅި ދުނިޔޭންވެސް ފަތުރުވެރިންނަށް އެންމެ ރައްކާތެރި މަންޒިލަށް ރާއްޖެ ހެދުމަށް މަސައްކަތް ކޮށްދެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ ނަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ. ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ރާއްޖެ ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި މިދިޔަ އޭޕްރިލް މަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަށް ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް" ޓޫރިޒަމެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.