ޚަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމަށް ޒުވާނުން ނިކުންނަންޖެހޭ- ރައީސް


މަސްވެރިކަމާއި ދަނޑުވެރިކަން ކުރި އަރުވާ، ފުޅާކުރުމަށްޓަކައި ޒުވާނުން މިދާއިރާތަަކަށް ނިކުންނަން ޖެހޭކަމަށް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި މަސްވެެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ކުރި އަރާފައިވާ ޒަމާނީ އެކި އެކި ވަސީލަތްތައް މި ދާއިރާތަކުގައި ބޭނުންކުރެވިދާނެކަމަށާއި ނަމަވެސް މިކަމުގައި ޒުވާނުން ހަރަކާތްތެރި ނުވާކަމުގައިވާ ނަމަ މި ދާއިރާތައް ކުރިއަރައިގެން ނުދާނެކަމަށެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ކުރިން ބޭނުންކުރަމުންދިޔަ ގޯސް އާދަތަކާއި، ކުރީގެ ޚިޔާލުތައް ދޫކޮށްލައި، ފަހުގެ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކުރަންޖެހިފައިވާކަމަށާއި، އެފަދަ ވަސީލަތްތަކުގެ ބޭނުންކޮށް އާ ގޮތްތައް މި ދާއިރާތަކުގައި ކުރިއެރުވުމަށް ޒުވާނުންގެ މުހިންމުކަން ރައިސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާވަމުންދާކަން ފާހަގަކުރައްވާ، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމަށް ސަރުކާރުން ދެއްވާ ލޯނު މިއަންނަ އަހަރުވެސް ދެއްވާނެކަން ރައީސް ހާމަކުރެއްވިއެވެ. މި ދެ ދާއިރާއަކީ ޖާގައާއި ފުރުސަތު ހުރި ދާއިރާތައްކަން ފާހަގަކުރައްވާ މިކަމަށް ޒުވާނުން ޝައުޤުވެރިކަން އިތުރުކުރުމަށާއި، މިދާއިރާތަކުގައި ހަރަކާތްތެރިވުމަށް ޒުވާނުންނަށް ހިތްވަރު ދިނުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.