ދީން

ދީނީ ރޮނގުން އެއްބާރުލުން ދިނުމަށް ރާއްޖެއާ ސައުދީން އެއްބަސްވުން


ދީނީ ރޮނގުން އެބާރުލުން އިތުރުކޮށް، ރާއްޖެއާއި ސަޢުދީއާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ސަޢޫދީ އަރަބިއްޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޝައިޚް ޞާލިޙް ބިން ޢަބްދުލްޢަޒީޒް ބިން މުޙައްމަދު އާލުއްޝައިޚްއެވެ. ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރުއެވެ.މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އިމާމުންގެ ފެންވަރު ރަނގަޅުކުރުމަށް ސަޢޫދީ އަރަބިއްޔާއިން އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ވިދާޅުވިއެވެ. އަދި، އައުޤާފާއި ޒަކާތުގެ ކަންކަން ހަރުދަނާކޮށް، ތަޖުރިބާ ހޯދުމުގެ ގޮތުން ދިވެހި އިލްމުވެރިން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރ ޒިޔާދު ހާމަކުރެއްވިއެވެ.މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަޢޫދީ އިސްލާމިކް މިނިސްޓަރ ވިދާޅުވީ ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތީ ވަރުގަދަ ގުޅުމެއްކަމަށާއި މިއީ ތާރީޚީ އަދި މުހިއްމު ގުޅުމެއް ކަމަށެވެ. އަދި، މި ގުޅުން އިތުރަށް ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރ ޞާލިޙް ފާހަގަކުރެއްވިއެވެ.