ސިޔާސީ

ކޯވިޑް-19 : ހިލޭ ސާބަހަށް މަސައްކަތްކުރަން އެތައްބަޔަކު، ސާބަހޭ ދަރިންނޭ!


އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ހިތާމަވެރި މި ދަނޑިވަޅަކީ ހަޤީޤަތުގައި ޤައުމީ ކާރިޘާއެއްގެ ޙާލަތެވެ. އެމީހަކަށް ވެވުނު އެހީތެރިކަމެއް ވެދީ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރަންވީ މުހިންމު ވަގުތެކެވެ. ނުރައްކާތެރި ކޯވިޑް-19ގެ ބަލިމަޑުކަމުން ޤައުމު ސަލާމަތްކުރަން އަތުކުރި އޮޅާލަންޖެހިފައިވާ ދަނޑިވަޅެކެވެ.

ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ ފަރުވާދިނުމުގައި އެތައް ދަތިތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ފަރުވާދެވޭނެ ގޮތެއް ނެތި މީހުން މަރުވާން މަޖުބޫރުވެދާނެކަމުގެ ބިރު ހީވެދާކަމުގެ ބިރުވެރި އަޑު ހަމަ ދެންމެދެންމެ އިވިދާނެފަދައެވެ.

ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ފެސިލިޓީތަކުގެ އެނދުތައް ފުރުމާއި ބަލި މީހުންނަށް ފަރުވާދިނުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުން ލިބުން މިހާރުވެސް މިވަނީ ދަތިވާން ފަށާފައެވެ. ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ކޯވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މަސައްކަތް ކުރާ ޓީމްތަކަށް މިވަނީ އިންތިހާއަށް ބުރަބޮޑުވެފައެވެ. ހަމަކޮންމެ ބަލިމީހަކީވެސް ސިއްޙީ އެހީތެރިއެއްގެ އޯގާތެރިކަމާއި އަޅާލުމާއި އެހީތެރިކަން ބޭނުންވާނެ މީހެކެވެ. އެންމެ ބަލިމީހަކަށް އެ ޚިދުމަތް ނުދެވުމަކީވެސް އަޅުގަނޑުމެންގެތެރެއިން އެކަކަށްވެސް ކެތްކުރެވޭވަރުގެ ކަމަކަށް ނުވާނެއެވެ. މިދަނޑިވަޅަކީ މިފަދަ އެންމެހައި ކަންކަމަކަށް މުވައްޒަފުން ހޯދޭނެ ދަނޑިވަޅެއް ނޫނެވެ. ދުނިޔޭގެ އެއްވެސް ޤައުމަށް އަދި އެޙާލަތެއް ނެތެވެ. ޙާލަތު އެއަށްވުރެ މާ ނާޒުކެވެ. އެހެންކަމުން ހިލޭ ސާބަހަށް މަސައްކަތް ކުރާނެ މީހުންގެ ދައުރު މިވަގުތު ވަރަށް މުހިންމެވެ.

ކޯވިޑްގައި ޤައުމުގެ ޙާލަތު މިހާގޯސްވުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ، ބަލި މީހުންނަށް އެހީތެރިވުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ އެކިއެކި މަސައްކަތްތަކުގައި އެހީތެރިވެދިނުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމަށް ގޮވާލައްވާފައެވެ. ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުންނަށް އެ ފުރުޞަތު ހުޅުވާލާފައެވެ. ކުޑަކޮށްވެސް ސިއްޙީ ދާއިރާގެ ކަމެއް އެނގޭނަމަ އެމަސައްކަތް ކޮށްދިނުމަށް އައުމަށާއި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މީހަކަށް ޤައުމަށް ދިމާވި މިފަދަ ކޮންމެ ޙާލަތެއްގައިވެސް ދިވެހިން ދެއްކީ މުޅިދުނިޔެ ތައުރީފުކުރި މިސާލެވެ. ހިތްހެޔޮކަމާއި އިންސާނީ ޚިދުމަތުގައި ދިވެހިންފަދަ އެހެންބައެއް ނެތްކަމުގެ ފަޚުރުވެރި މިސާލެވެ. މިއަދުވެސް ދިވެހިން ތިބީ އެ ރޫޙުގައެވެ. އެޖޯޝުގައެވެ. މި ލޮބުތި ޤައުމަށް ވާނެގޮތެއްވާން ދިވެހިން ދޫކޮށެއް ނުލާނެއެވެ.

ކޯވިޑްގެ ޙާލަތާ ގުޅިގެން ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް ހުޅުވާލި ފުރުޞަތާއެކު އެތައްބަޔަކު ތެދުވެއްޖެއެވެ. އެކިއެކި ކަންކަމުގައި އެހީތެރިވުމަށް އެޗްއީއޯސީއަށް ފޯމު ހުށަހެޅި މީހުންގެ ޢަދަދު ވަރަށްގިނައެވެ. ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހެޅި ހާހަކަށްވުރެ ގިނަ މީހުންގެ ފޯމު މިހާރުވަނީ ބަލައިގެންފައެވެ. އެފޯމުތައް ބަލައިގަނެ ބަލަންޖެހޭ ކަންކަން މިހާރުދަނީ ބަލަމުންނެވެ.

މިޙާލަތުގައި އެހީތެރިވުމަށް ހިލޭސާބަހަށް މަސައްކަތްކޮށްދޭން އެދޭ މީހުންގެ ޢަދަދު ގިނަކަމުން މިވަގުތުވަނީ އެފަދަ މީހުންގެ ފޯމުތައް ބަލައިގަތުން ވަގުތީގޮތުން މަޑުޖައްސާލާފައެވެ. ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 6 ވަނަދުވަހުގައެވެ. މިއިން ހާމަވެގެންދާ ކަމަކީ ދިވެހިރައްޔިތުން ތިބީ މިޙާލަތުގައި ވެވުނު ކޮންމެ އެހީތެރިކަމެއް ވުމަށް ތައްޔާރައްކަމެވެ.

މިޙާލަތު ކޮންޓްރޯލްކުރުމަށްޓަކައި މިހާރުވެސް ގިނަ ބަޔަކު އަންނަނީ ހިލޭ ސާބަހަށް މަސައްކަތް ކުރަމުންނެވެ. ކޯވިޑަށް ފަރުވާ ދިނުމަށްޓަކައި ހަދާފައިވާ ކޮވިޑް ފެސިލިޓީތަކާއި، ކޯވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ހިލޭ ސާބަހަށް މަސައްކަތްކުރުމުގައި ހަރަކާތްތެރިވަމުން ދެއެވެ. ކޯވިޑްގެ ކަންކަން ބެލުމަށްޓަކައި ދަރުބާރުގޭގައި އެކުލަވާލަފައިވާ އެޗްއީއޯސީ ޓީމްގައި ބައިވެރިވެގެންވެސް ގިނަ ބަޔަކު މަސައްކަތް ކުރަމުންއާދެއެވެ.

ފަހަކަށްއައިސް ރާއްޖެއިންދަނީ ދުވަހަކު މީހުން ބައްޔަކަށް ޕޮޒިޓިވް ނުވާ މިންވަރަށް ކޯވިޑަށް މީހުން ޕޮޒިޓިވްވަމުންނެވެ. އެއާއެކު ޙާލަތު މެނޭޖުކުރުމުގައި ބައެއްކަހަލަ ދަތިތަކާ ކުރުމަތިވެއެވެ. ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވުމާއި ކޯލްސެންޓަރުން އެކަށީގެންވާގޮތުގައި ޖަވާބުނުދެވުމާއި މިނޫނަސް މިފަދަ އެތަކެއް ކަމަކަށް ވަނީ ބުރޫ އަރާފައެވެ. ކުރިން ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރި ބައެއް މީހުން ބައްޔަށް ޕޮޒިޓިވްވުމާއި ކަރަންޓިންގައި ތިބުމުގެ ސަބަބުން އެހީވާނެ މީހުން އިންތިހާއަށް މިވަނީ ބޭނުން ޖެހިފައެވެ.

އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ޑޮކްޓަރުންނާއި ނަރުހުން މަދެވެ. ޤުދުރަތީގޮތުން ރާއްޖޭގެ ރަށްރައް އޮންނަނީ ވަކިވަކިން ދުރުދުރުގައިކަމަށް ވާތީ، އެއްފަސް ތަންތަނުގައި ވަސީލަތްތައް މެނޭޖުކުރާގޮތާއި ރާއްޖޭގައި މެނޭޖުކުރަން ޖެހިފައިވާގޮތް ވަރަށް ތާފާތެވެ. މަސައްކަތް ބުރައެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިޙާލަތަކީ އެތަކެއް ދަތިތަކެއް އޮތް ވަގުތެކެވެ. އެޤައުމުތައްވެސް ވަނީ އިންސާނީ ވަސީލަތާއި ސިއްޙީ އާލާތްތަކަށް ޖެހިފައެވެ. އެހެންކަމުން މިދަނޑިވަޅަކީ އެހެން ޤައުމުތަކުން ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށްވެސް ދަތި ވަގުތެކެވެ.

ރާއްޖޭގައި މިވަގުތު ރިޓަޔަރ ވެފައި ތިބި ހެލްތް ވޯކަރުންނާއި ސިއްހި ކަންކަމާ ގުޅޭ ކުޑަވެސް ޢިލްމެއް ލިބިފައި ހުރި މީހަކު ނަމަ އެމީހަކަށް ވީ ވަރަކުން އެހީތެރިވާން ފަށަންވީ މިހެންވެގެންނެވެ. ވެވޭ ކިތަންމެ ކުޑަކުޑަ އެހީތެރިކަމަކުންވެސް ފުރާނައެއް ސަލާމަތްކުރެވިދާނެއެވެ. ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ހިތްވަރެއް ހޯދިދާނެއެވެ. އެއީ މި ލޮބުވެތި ޤައުމަށްޓަކައި އަޅުގަނޑުމެންގެތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވެވޭ ވަރަށްބޮޑު ޤުރުބާނީއެކެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރަން ކުރިމަތިލި ދަރިންނަށް ސާބަހެވެ. އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތުން ކާމިޔާބު ޙާސިލްކުރެވޭނެކަމާމެދު ޝައްކެއް ނެތެވެ. މިޙާލަތުން އަރައިގަނެ އެންމެ އެކުގައި އެކަމުގެ އުފާވެރިކަން ޙިއްސާކުރާނެ ދުވަސް އޮތީ މާދުރަކު ނޫނެވެ.