ކުޅިވަރު

ކުރިއަށް އޮތީ ބުރަ މަސައްކަތެއް - ފާސިރު


ހުރިހާ ކުޅުންތެރިންނަށް ކުރިއަށް އޮތީ ބުރަ އުނދަގޫ މަސައްކަތެއްކަން ދުބާއީގެ ފުރަތަމަ ތަމްރީނުތަކުން އެކަނި ވެސް އެނގިއްޖެކަމަށް ޤައުމީ ޓީމުގެ ފޯވަޑް ޢަލީ ފާސިރު ބުނެފިއެވެ.

ވަރލްޑްކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ފަހު ތިން މެޗަށް ތައްޔާރުވުމަށް ޤައުމީ ޓީމު މިވަގުތު ތަމްރީން ހަދަމުން އަންނީ ދުބާއީގައެވެ. ޓީމް ދުބާއީއަށް އައީ މިމަހުގެ ބާވީސްވަނަ ދުވަހުއެވެ.
ޤައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތަކާއި ގުޅޭގޮތުން ފޯވާޑް ޢަލީ ފާސިރު ބުނީ ގާތްގަނޑަކަށް މަހެއްހާ ދުވަހު ނުކުޅެ ހުރުމަށްފަހު ކޮލިފައިންއަށް ތައްޔާރުވާން ޖެހުމަކީ ބޮޑު ޗެލެންޖެއްކަމަށެވެ. ދުބާއީގައި ކުރި ފުރަތަމަ ފަރިތަކުރުމުންވެސް މިއީ އުނދަގޫކަމެއްކަން ޔަގީންވިކަމަށް އޭނާ ބުންންޏެވެ. ފާސިރު ބުނީ މެޗު ފިޓްނަސްއަކީ ވަރުގަދަ މެޗުތަކާއި ކުރިމަތިލާއިރު މުހިންމުކަމެއްކަމަށާއި، ޓީމުގެ ފިޓްނަސް ރަނގަޅުކުރުމަށް ފިޓްނަސް ކޯޗުގެ އިރުޝާދާއިއެކު ހުރިހާ ކުޅުންތެރިންވެސް ބުރަކޮށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

"ހުރިހާ ކުޅުންތެރިންވެސް ޔަންގް އޭޖުގަ ޤައުމީ ޓީމަށް ނިކުމެ ދައްކާ ކުޅުމަށް ބަލާއިރު، މަސައްކަތު ރޭޓާއި އެއްޗެހި އެބަ ފެނޭ ހަމަ. ޓީމަށް އަރަން ބޭނުންވާކަން، އެކަން ލީގުންވެސް ފެނޭ. މީގައި ވާގޮތަކީ ޤައުމީ ޓީމަށް އައިސް އުނދަގޫވެދާނެ. އެކަމަކު ހަމަ ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް އެބަ ކުރޭ" އަލީ ފާސިރު ބުންޏެވެ.

ދުބާއީގެ ތަމްރީންތަކަށްފަހު ޤައުމީ ޓީމް ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ގައެވެ. ފީފާ ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އަންނަ މަހުގެ 3ވަނަ ދުވަހު ނިކުންނާނީ ޗައިނާއާއި ދެކޮޅަށް. އޭގެ ފަހުން ޖޫން ހަތެއްގައި ސީރީއާއި ދެކޮޅަށް ނިކުންނައިރު ގްރޫޕް ފަހު މެޗުގައި ނިކުންނާނީ ޖޫން 15ގައި ގުއާމާއި ދެކޮޅަށެވެ.