ކުޅިވަރު

ވަރލްޑްކަޕް ކޮލިފައިންގެ 3 މެޗަށް ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެވޭނެ: ސުޒޭން


ކުރިއަށް އޮތް ވަރލްޑްކަޕް ކޮލިފައިންގެ ތިން މެޗަށް ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ.

ވަރލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ޤައުމީ ޓީމް ތައްޔާރުވާން ޖެހިފައިވަނީ ގިނަ ގޮންޖެހުންތަކަކާއިއެކުއެވެ. މިގޮތުން މި މެޗުތަކަށް ތައްޔާރުވާން ޤައުމީ ޓީމަށް މާލޭގައި ޕްރެކްޓިސްކޮށްލަން ފުރުސަތު ނުލިބުނުއިރު، ލީގުގެ ދެވަނަ ބުރަށްފަހު އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން ޖެހުމާއިއެކު ކުލަބުތަކަށްވެސް ފަރިތަކުރާނެ ފުރުސަތެއް ނުލިބުނެވެ. އަނެއްކޮޅުން ޗައިނާއަށް ޤައުމީ ފުޓުބޯޅަ ޓީމު ފުރުމުގެ ކުރިން ދުބާއީގައި ޓީމް ފަރިތަކޮށްލަން ލިބުނީވެސް އެންމެ ހަފްތާއެކެވެ.

މި ގޮންޖެހުންތަކާއިއެކުވެސް ކުޅުންތެރިންގެ ބުރަ މަސައްކަތުން ހިތްހަމަޖެހޭވަރަށް ޓީމް ތައްޔާރުކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް ސުޒޭން ބުންޏެވެ. އެސިސްޓެންޓު ކޯޗު ސުޒޭން ބުނީ ޓީމުގެ ބައެއް ކުޅުންތެރިންގެ އާއިލާގެ މެންބަރުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ މި ދަނޑިވަޅުގައި އެ ކުޅުންތެރިންވެސް އެވަނީ ބޮޑު ގުރުބާނީއެއްކަމަށާއި، މިހާ ކުޑަދުވަސްކޮޅެއްގައި މި މެޗުތަކަށް ތައްޔާރުވުމަކީ މެންޓަލީވެސް ހުރިހާ ކުޅުންތެރިންނަށް ބޮޑު ޗެލެންޖެއްކަމަށެވެ. އޭނާ ބުނީ މި ނިމުނު ޕްރެކްޓިސްތަކަށް ބަލާއިރު ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ހިތްވަރަކާއި ފޯރިއެއް ފެންނަމުން އަންނަކަމަށެވެ. ސުޒޭން ބުނީ މިހާރު ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަކީވެސް ހުރިހާ ގޮތަކުންވެސް މި ސްކޮޑުން ޖާގަ ހައްގު ކުޅުންތެރިންކަމަށެވެ. ކޮންމެ ކުޅުންތެރިއަކުވެސް އެކަން ޕްރެކްޓިހުންވެސް ދައްކަމުން އަންނަކަމަށެވެ. އޭނާ ބުނީ ކޮންމެ ހާލަތެއްގައިވެސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ އެއް އަޒުމެއްގައި ކޮލިފައިން މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެންކަމަށެވެ.

"10 ދުވަސްތެރޭ ޗައިނާގައި އެ ގައުމާ ދެކޮޅަށް އަދި ސީރިއާ އާއި ފިލިޕީންސްއާ ކުޅެން ތައްޔާރުވާއިރު، ކުޅުންތެރިންގެ މަސައްކަތް ހުރީ ރަނގަޅު ލެވަލްއެއްގައި، އަޅުގަނޑުމެންނަށް ހިތްހަަމަ ޖެހޭ ތައްޔާރީއެއް ވެވޭނެ ކަމުގެ ސިގްނަލްތައް ކުޅުންތެރިންގެ ފަރާތުން އެ މީހުންގެ ކޮންސެންޓްރޭޝަނުން ފެނިގެން އެބަދޭ،" ސުޒޭން ބުންޏެވެ.