ޚަބަރު

"ރާއްޖެ އަބަދުވެސް ދެމިއޮންނާނީ އިސްލާމީ އުސޫލުތަކުގެ މަތީގައި"


ރާއްޖޭގައި ހިފަހައްޓަމުންދާ އިސްލާމީ އުސޫލުތަކުގެ ސަބަބުން ބޭރުގެ ބައެއް
ފަރާތްތަކުން އެކިކަހަލަ ފިއްތުންތައް
ކުރިމަތިކުރުވި ނަމަވެސް ރާއްޖެއިން އަބަދުވެސް
ދެމިއޮންނާނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މަތީގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.



ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، އެންޑޯމެންޓްސް، ދަވާ، އެންޑް
ގައިޑެންސް، އައްޝައިޚް ޞާލިޙް ބިން
ޢަބްދުލްޢަޒީޒު ބިން މުޙަންމަދު އާލުއްޝައިޚް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، މިއަދު ކުރެއްވި
ޒިޔާރަތުގައި ވާހަކަ ފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމްދީނުގެ
ނަމުގައި ބައެއް ފަރާތްތަކުން ކުރިއަށްގެންދާ
ހައްދުފަހަނަޅާފައިވާ ޢަމަލުތައް ކުށްވެރި ކުރައްވާފައެވެ. އަދި  އެފަދަ
ޢަމަލުތައް ރާއްޖެއިން ޤަބޫލު ނުކުރައްވާނެ ކަމަށް ދައްކަވާ ވަހާކަފުޅު
އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.



ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި،  މިސްކިތަކާއި، ލައިބްރެރީއަކާއި، ކްލާސްރޫމްތައް ހިމެނޭގޮތަށް، ސަޢޫދީ
ރަސްގެފާނުގެ ހިލޭ އެހީފުޅުގެ ދަށުން
ރާއްޖޭގައި ބިނާކުރާ އާ އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު އެންމެ ބޮޑަށް ފެނިގެންދާނެ ބިނާ ކަން
ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް
ތާނގައި ދެޤައުމުގެ ގުޅުން މިހާރަށްވުރެ ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވިއެވެ.



މިއަދުގެ ބައްދަލުކުރެއްވުމުގައި
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި،
ރާއްޖޭގައި ޒުވާނުންނަށް ޚާއްޞަކޮށް ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވާ
މިފަދަ ތަމްރީނު ތައް ކުރިއަށް ގެންދިޔުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.



ސަޢޫދީ ޢަރައްބިޔާގެ މިނިސްޓަރގެ ވާހަކަފުޅުގައި،
ރާއްޖޭގައި އިސްލާމްދީނުގެ މެދުމިންގަނޑެއް
ހިފަހައްޓަވައި، ދީނީ ކަންކަން ކުރިއެރުއްވުމަށް
ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތައް ފާހަގަ ކުރެއްވިއެވެ.  ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ކުރައްވާ
މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ
ޙިއްޞާ ކުރެއްވިއެވެ.