ތިމާވެށި

ކޮޕް 21 ބައްދަލުވުމަށް ރާއްޖެއިން 5 ކަމެއް ހުށަހަޅަނީ


މިމަހުގެ 30 ގައި ފަރަންސޭސިވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ މުއާދާގެ ބައިވެރިންގެ ބައްދަލުވުމަށް ރާއްޖެއިން މައިގަނޑު 5 ކަމެއް ހުށަހަޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ތާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ.ފަރެންސޭސިވިލާތުގެ ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ މުއާހަދާގެ ބައިވެރިންގެ ބައްދަލުވުން، ކޮޕް 21 ވަނަ ބައްދަލުވުމާއި ގުޅޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ ތާރިޤް އިބްރާޙީމް ވިދާޅުވީ، މިއަހަރު ބޭއްވޭ ބައްދަލުވުމުގެ މުއާހަދާގައި ބައިވެރިވެފައިވާ މެންބަރު ޤައުމުތަކުން، ކިޔުޓޯ ޕްރޮޓޮކޯލްގައި ބަޔާންކޮށްފައިވާ ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރާނެ ގޮތާއި، މަދުކުރާނެ މިންވަރާއި މުސޫމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން މެންބަރު ޤައުމުތަކުން އަމަލުކުރަން ކަނޑައަޅާފައިވާ ގޮތް އެޤައުމުތަކުން ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މިބައްދަލުވުމަށް ރާއްޖެއިން ހުށަހަޅަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމަތަކަށް ދިމާވާ ފެންބޮޑުވުމާއި، ގުދުރަތީ ގޮތުން ދިމާވާ ރަށްގިރުމުގެ މައްސަލަތާއި އަދި މިނޫންވެސް މޫސޫމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ކުރިއަރާފައިވާ ޤައުމުތަކުން އެހީތެރިކަން ހޯދޭނެ ގޮތްތަކާއި ގުޅޭ ގޮތުން ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެެ. އަދި މިހާރު ޤާއިމްކޮށްފައިވާ ގްރީން ކްލައިމެޓް ފަންޑަށް މެންބަރު ޤައުމުތަކުން ދެމެހެއްޓެނެވި ގޮތެއްގައި ފައިސާ ޖަމާކުރަން ބާރުއެޅުމުގެ ގޮތުން ރާއްޖެއިން ހުށަހަޅާނެ ކަމަށާއި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި 2020 އަަަންނަން ވާއިރަށް ކުރިއަރާފައިވާ ޤައުމުތަކުން 100 ބިލިއަން ޑޮލަރު ގްރީން ކްލައިމެޓް ފަންޑަށް ޖަމާކުރަންޖެހޭ ކަމަށް މެންބަރު ޤައުމުތަކުން ކަނޑައަޅާފައިވާ ކަމަށެވެ.މީގެ އިތުރުން ކުދި ޖަޒިރާ ޤައުމުތަކުގައި ޖައްވުގެ ހޫނުވުން 1.6 ޑިގްރީ ސެލްޝިއަސް އަށް ވުރެ މަތިނުކުރުމާއި، ފިނިހޫނު މިން 1.5 ޑިގްރީ ސެލްޝިއަސް އަށްވުރެ ވުރެ ދަށްނުކުރުމަށް ގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ، މިބައްދަލުވުމުގެ އެކުލަވާލެވޭ އެއްބަސްވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓްރީގެ ވަފްދެއް މިމަހު 22 ގައި ފްރެންސޭސިވިލާތައް ދިއުމަށް ހަަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއްްވާފައިވެއެވެ.މި ބައްދަލުވުން ކުރިއަށް ދާނީ މިމަހުގެ ތިރީހުން އަންނަ މަހުގެ އެގާރަ ވަނަ ދުވަހާ ހަަމަަޔަށް ފަރަންސޭސިވިލާތުގެ ޕެރިހުގައިއެވެ. 1994 ވަނަ އަހަރު ރާއްޖެއިން ތަސްދީޤްކޮށްފައިވާ މިމުއާހަދާގައި 192 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.