ކުޅިވަރު

އަޒްނީމްއާއި ހަލީމް އިންޑިޔާއަށް ފުރައިފި


އަހުމަދު އަޒްނީމްއާއި ހުސެއިން ހަލީމް
އިތުރު ތަމްރީން ހޯދުމަށް  މިއަދު އިންޑިޔާއަށް
ފުރައިފިއެވެ. 

މި ދެ ދުވުންތެރިން އިންޑިޔާއަށް ފުރީ މިއަންނަ އަހަރު ފެބްރުއަރީ
މަހު އޮންނަ ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ
ގޮތުންނެވެ. އަދި މިފުރުސަތަކީ އެ
އެސޯސިއޭޝަނުން މިދެ ދުވުންތެރިންނަށް ހޯދާދީފައިވާ ފުރުސަތެއްކަމަށްވެސް އެތުލެޓިކްސް
އެސޯސިއޭޝަނުން މަޢުލުމާތުދެއްވިއެވެ.

 ރާއްޖޭގެ ރިލޭ ޓީމްގައި ހިމެނޭ އެންމެ ބާރު ދެ
ދުވުންތެރިންކަމަށްވާ އަހުމަދު އަޒްނީމްއާއި ހުސެއިން ހަލީމް ތަމްރީން ހޯދާނީ
އިންޑިޔާގެ ރަންޗީންގައެވެ. އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް
ވިދާޅުވީ ކުރިއަށް އޮތް ސައުތު އޭޝިއަން ގޭމްސްއަށް މިދެ ދުވުން ދެރިން ފޮނުވުމުގެ ބޭނުމަކީ
ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެތުލެޓިކްސްއިން ހޯދި
ކާމިޔާބީއަށް ވުރެ ރަނގަޅު ކާމިޔާބީއެއް ސައުތު އޭޝިއަން ގޭމްސްގައި
ހޯދުމަށްކަމަށެވެ. އަހުމަދު އަޒްނީމްއާއި ހުސެއިން ހަލީމް ރަންޗީއަށް ދިއުމުން،
ރާއްޖޭގެ ސްޕްރިންޓް ޓީމްގެ ހަތަރު ދުވުންތެރިން އެއްކޮށް ރަންޗީންގައި ހަމަވާނެއެވެ. 

ސްޕްރިންޓްގައި ހިމެނޭ ސާއިދުއާއި އަޝްފާން މިހާރުވެސް ދަނީ ރަންޗީންގައި ތަމްރީން
ހޯދަމުންނެވެ. ތޮލާލް ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވުރެ ސައުތް އޭޝިއަން ގޭމްސް ވާދަވެރިވާނެކަމަށާއި، ނަމަވެސް މިމުބާރާތް ނުބާއްވާތާ
ގިނަދުވަސް ވުމުން، ދުވުންތެރިންގެ އަސްލު ފެންވަރު ދެނެގަންނަން ވަރަށް
އުނދަގޫކަމަށެވެ. 

ރާއްޖޭގެ އިތުރު ދުވުންތެރިންވެސް ކުރިއަށް މިއޮތް މަސްދުވަހުގެ
ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވާނެކަަމަށާ އޭގެތެރޭގައި އަންހެން ޓީމްވެސް
ހިމެނޭކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮވާލް
ވިދާޅުވިއެވެ.