ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފައިސާ ޚަރަދުކުރި މީހުން ހޯދުމަށް ތަޖުރިބާކާރެއްގެ އެހީ ހޯދަނީ


ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނުމަށް ބަޔަކު ފައިސާ ޚަރަދުކުރިތޯއާއި އަދި އެފަދަ ބަޔަކު ތިބިނަމަ އެމީހުން ހޯދުމަށް އެމެރިކާގެ ތަޖުރިބާކާރެއް ވަރަށް އަވަހަށް ތަހުގީގް ޓީމާ ގުޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާގެ ތަހުގީގް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާތަނަށް އެ ހަމަލާގައި އަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 4 މީހަކުހައްޔަރުކޮށްފައިވާކަމަށާއި، އެ ހަމަލާ ދިނުމަށް އެކި ގޮތްގޮތުން ބައވެރިވެފައިވާ އިތުރު މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މި ތަހުގީގް ކުރިއަށް ދާގޮތް ބެލުމަށްޓަކައި ސްޕެޝަލް އެންވޯއީއެއްގެ ގޮތުގައި އަޅުގަނޑުގެ ފަރާތުން މީހަކު އައްޔަންކުރުމަށް ވަރަށް އަވަހަށް ނިމިގެންދާނެ. އެހެންވީމަ ޤައުމުގައި މިގޮތަށް ހުރި ބޮޑެތި ހުރިހާކަމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ބަލައި ހުރިހާކަމެއް ހައްލުކުރެވޭތޯ ބަލަމުން." ރައީސް ވިދާޅުވިއެވެ.

މިމަހުގެ 6ވަނަ ދުވަހުގެރޭ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން މައްސަލާގައި މިހާތަނަށްވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.