ޚަބަރު

ރަޝިޔާގެ ވެކްސިންގެ 2 ލައްކަ ޑޯޒަށް އޯޑަރުދެނީ


ކޯވިޑަށް ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕޮޓެނިކް ވެކްސިންގެ 2 ލައްކަ ޑޯޒަށް ކުރިއަށް ދެދުވަހުގެ ތެރޭގައި އޯޑަރު ދައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ސަރުކާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މި ބައްޔަށް އޮތް ހަމައެކަނި ފަރުވާ ވެކްސިން ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަވެސް މަސައްކަތް ފެއްޓެވިކަމަށެވެ. އެގޮތުން ސިންގަޕޫރްގެ އެސްޓްރަޒެނަކާގެ 7 ލައްކަ ޑޯޒް ގެނައުމަށް އެގްރިމެންޓް ކުރިކަމަށެވެ. އެހެންނަމަވެސް އިމްޕޯޓްކުރުމުގައި މިވަގުތު ހުރި ދަތިތަކުގެ ސަބަބުން އަދިވެސް އެ ވެކްސިން ލިބިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރަޝިޔާގެ ސްޕޮޓެނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް ކުރަައްވަމުން ގެންދަވާކަމަށާއި އެ ވެކްސިނަށް ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އޯޑަރު ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމުތަކާއި އޮތް ގުޅުމުގެ ތެރެއިން ވެކްސިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެހެންނަމަވެސް ޤައުމުތަކުން ވެކްސިން ދިނުމުގައި ހުރަސްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މި ދޭތެރެއިން މަސައްކަތްކޮށްފިން ބައިލެޓްރަލްކޮށް އަޅުގަނޑުމެންގެ ރައްޓެހި ޤައުމުތަކުގެ އެހީގައި ވެކްސިން ހޯދުމަށް. ޔޫރަޕްގެ ވަރަށް ގިނަ ޤައުމުތަކާއި ވާހަކަ ދެކެވިއްޖެ. އެމެރިކާއާއި ކެނެޑާއާއިވެސް ވާހަކަ ދެކެވިއްޖެ. އޮސްޓްރޭލިއާވެސް މިދަނީ ވާހަކަ ދައްކަމުން އެެހެންނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ޖަވާބަކީ ބައިލެޓްރަލްކޮށް އެއް ޤައުމުން އަނެއް ޤައުމަށް ދޭން އަދި ނުނިންމަމޭ. އޭގެ ބަދަލުގައި ވެކްސިން ފޯރުކޮށްދޭނީ ޑަބްލިއުއެޗްއޯ އަށޭ. ސޮޕްޓެނިކާ އެކު މަސައްކަތް ފެށެންވެސް އަންނަނީ އެގްރިމެންޓެއްގައި ސޮއިކޮށްގެން. މިނިސްޓަރ ނަސީމު އެ ގެންދަވަނީ އެ މަސައްކަތް ކުރައްވަމުން. މިވަގުތު އަޅުގަނޑުމެން އެކަން އެބަކުރަންޖެހޭ އެހެން ނޫނީ އަނެއްކާވެސް ލިބުން ދަތިވެދާނެ. " ރައީސް ވިދާޅުވިއެވެ.

ރަޝިޔާގެ ވެކްސިން ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ހެލްތް މިނިސްޓަރ ނަސީމް ވިދާޅުވީ ސްޕޮޓެނިކާއި ގުޅޭ އެގްރިމްނެޓް މިހާރު ލިބިފައިވާކަމަށެވެ. އެގްރިމެންޓް ބަންޑާރަ ނާއިބުގެ އޮފީހުން ދިރާސާކުރައްވާ ދެއްވި ރިކޮމެންޑޭޝަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރަޝިޔާ ކުންފުންޏަށް ފޮނުވާފައިވާކަމަށް މިނިސްޓަރ ނަސީމު ވިދާޅުވިއެވެ.

" މިހާރު އަޅުގަނޑުމެން މިދަނީ ނިގޯޝިއޭޓް ކުރަމުން. ވަރަށް އަވަހަށް އަޅުގަނޑުމެނަށް އެ އެގްރިމެންޓްގައި ސޮއިކުރެވޭނެ ގޮތްވާނެ. އެޓާނީ ޖެނެރަލަށް ފެނިވަޑައިގަންނަވާ ބައިތައް އެވަނީ ފޮނުވާފައި. އެކަންކަން ނިމުނުހާ އަވަހަކަށް އެގްރިމެންޓްގައި ސޮއިކުރާނަން. މިހާރު ހަމަޖެހިފައި އޮތް ގޮތުން އެގްރިމެންޓްގައި ސޮއިކުރާތާ 4 ހަފްތާތެރޭ ރާއްޖެއަށް ވެކްސިން ލިބޭނެ." މިނިސްޓަރ ނަސީމު ވިދާޅުވިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖެއިން 306،430 މީހުންވަނީ ފުރިހަމަކޮށްފައެވެ. އަދި 2 ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 158،075 އަރާފައެވެ.