ކުޅިވަރު

ރޮނާލްޑީނިއޯގެ ކޭންޕެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފި


މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ކޭންޕެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދާފައިވާ ރޮނާލްޑީނިއޯ ވަނީ މިމަހުގެ މެދުތެރޭގައި ސޮނޭވާ ޖާނީގައި ފުޓްބޯޅަ ކޭންޕެއް ކުރިއަށް ގެންދިއުމަށް މާލެ އައިސްފައެވެ. ނަމަވެސް އެދުވަސްވަރު ވިއްސާރަވުމުގެ ސަބަބުން ކޭންޕް ކުރިއަށް ނުގެންދެވި ރޮނާލްޑީނިއޯ ވަނީ ފުރާފައެވެ. ފުރުމުގެ ކުރިން ރޮނާލްޑީނިއޯ ވަނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އާއި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމްއާއި ބައްދަލުކޮށްފައެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ރޮނާލްޑީނިއޯގެ މިފަހަރުގެ ދަތުރުގައިވެސް މާލޭގައި ކޭންޕެއް ކުރިއަށް ގެންދިއުމަށް ވާހަކަދެކެވުނުކަމަށާއި އަދި ބައެއް ޖޫނިއަރ ޓީމްތަކާއި ބައްދަލުކޮށް، ރޮނާލްޑީނިއޯއާއެކު ފޮޓޯ ނެގުމުގެ ފުރުސަތެއްވެސް ހަމަޖެއްސުމަށް ވާހަކަދެކެވުނުކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. ނަމަވެސް ފަހު ވަގުތު އެކަން ނުކުރެވުނުކަމަށްވީނަމަވެސް، މާލެއިން ރޮނާލްޑީނިއޯ ފުރުމުގެ ކުރިން ރާއްޖޭގައި ރޮނާލްޑީނިއޯގެ ކޭންޕެއް ކުރިއަށް ގެންދިއުމަށް ބޭނުންވާކަން ވަނީ ރޮނާލްޑީނިއޯއާއި ހިއްސާކޮސްފައެވެ. މިނިސްޓަރ މަހުލޫފް ވިދާޅުވީ ރޮނާލްޑީނިއޯވަނީ މިކަމަށް އެއްބަސްވެފައިވާ ކަމަށެއެވެ. އަދި ރާއްޖެ އާންނާނެކަމުގެ ޔަގީންކަން ދީފައިވީނަމަވެސް، ރާއްޖެ އަންނާނެ ދުވަހެއް އަދި މިވަގުތު ބުނަން ނޭންގޭކަމަށްވެސް ރޮނާލްޑީނިއޯ ބުނެފައިވާކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ޕްރޮމޯޓްކުރުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫލްވަނީ ރޮނާލްޑީނިއޯއާ ވާހަކަދައްކާފައެވެ.

ރޮނާލްޑީނިއޯ ވަނީ އޭނާގެ ގައުމު އަދި ކުލަބާއެކު ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ބްރެޒިލްއާއެކު 2002ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާއިރު، 2004 އަދި 2005ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ރޮނާލްޑީނިއޯ ވަނީ ހޯދާފައެވެ. ބާސެލޯނާއާއެކު 3 ސްޕެނިޝް ލީގް އަދި ޗެންޕިއަންސް ލީގްވެސް ހޯދާފައިވެއެވެ. 1998ވަނަ އަހަރު ރޮނާލްޑީނިއޯގެ ފުޓްބޯޅައިގެ ކެރިއަރު ފަށާފައިވަނީ ބްރެޒިލްގެ ގްރެމިއޯއިންނެވެ. ފްރާންސްގެ ޕީއެސްޖީ އަދި އިޓަލީގެ އޭސީ މިލާނަށްވެސް ރޮނާލްޑީނިއޯ ކުޅެފައިވެއެވެ.